29 Mar 2011, 10:28
ތޫނު ހަތިޔާރު ބޭނުންކޮށްގެން ތަފާތު ގުރޫޕްތަކާއި ގޭންގުތަކުން މާރާމާރީ ހިންގުމާއި ވައްކަމާއި ފޭރުމާއި މީހުން މެރުން އާންމުވެފައިވާތީ އެކަންކަން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކޮމިޓީއެއް އުފައްދަވައިފި އެވެ.
އަދި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވައިފަ އެވެ.
ރައީސް އޮފީހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، ރައީސް ނަޝީދު އެ ކޮމިޓީ އުފެއްދެވީ ގްރޫޕް މާރާމާތީތަކާއި ކުށްކުރުން އިތުރުވުމާ ގުޅިގެން "ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބިރުވެރިކަން ލިބި ގައުމުގެ އިގުތިސާދަށް ހުރަސްއެޅި ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ، އެހާލަތުން ގައުމު ސަލާމަތްކޮށް މިގައުމަކީ ރައްކާތެރި އަމާންތަނަކަށް ހެދުމަށްޓަކައި،" ކަމަށެވެ.
އަދި އެ ކޮމިޓީ އުފެއްދެވީ ރައީސްގެ އެންގެވުމުގެ މަތިން ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރުގެ ފަރާތުން ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވައި، އެކަމާ ގުޅިގެން އެމަނިކުފާނު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު އަމީން ފައިސަލާއި ހޯމް މިނިސްޓާ ހަސަން އަފީފާއި އެޓާނީ ޖެނެރަލް އަލްއުސްތާޒް ޢަބްދުﷲ މުއިއްޒާއި މިނިސްޓަރު އޮފް ސްޓޭޓް ފޮ ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މުހައްމަދު މުއިއްޒު އަދުނާނުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒު އަހްމަދު މުއިއްޒު އެވެ.
އެކޮމިޓީން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މުހިންމު ނިންމުންތަކެއް ނިންމައިފައިވާ ކަމަށާއި އެކަންކަން ތަންފީޒުކުރުމަށް ދައުލަތުގެ ހުރިހާ ބާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް ނިންމައިފައި ވާ ކަމަށް ރައީށް އޮފީހުން ބުނެ އެވެ.
"މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އާއި، ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހްމަދު ފާއިޒާއި، ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން މިހަފްތާގެ ތެރޭގައި މަޝްވަރާ ކުރައްވައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މިކަމަށް މަސައްކަތް ކުރަން ފެށުމަށް މިކޮމިޓީން ވަނީ ނިންމަވައިފަ އެވެ،" ރައީސް އޮފީހުގެ ނޫސްބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެކަންކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި "ސީރިއަސް އޮގަނައިޒްޑް ކްރައިމް ޓާސްކް ފޯސް" އެއް އެކުލަވާލަވާލުމަށް ވެސް އެކޮމިޓީން ވަނީ ނިންމައިފަ އެވެ. އެ ޓާސްކް ފޯސްގެ ލީޑް އޭޖެންސީއަކަށް ހަމަޖައްސައިފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ. އަދި ފުލުހުންނަށް އެހީވުމަށްޓަކައި ޑިފެންސް ފޯސްއާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްއާއި އެޓާނީ ޖެނެރަލްގެ އޮފީހާއި، ކޯޓުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީއާއި، ޔޫތު މިނިސްޓްރީއާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަދި ލޯކަލް ގަވާންމަންޓް އޮތޯރިޓީގެ ބޭފުޅުން އެޓާސްކް ފޯސްގައި ހިމެނުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އަދި އެ ޓާސްކް ފޯސްގެ މަސައްކަތް ބައްޓަން ކުރުމަށްޓަކައި ސީރިއަސް އޮގަނައިޒްޑް ކްރައިމް އިންޓަވެންޝަން ސްޓްރެޓެޖީއެއް ކަނޑައެޅުމަށްޓަކައި ތަސައްވުރެއް އެކަށައަޅުއްވައިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. މިއީ، އިގުތިސާދީ އަދި އިޖްތިމާޢީ ހަމަޖެހުމަށްޓަކައި، ރާއްޖެއަކީ ކުށުގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށްޓަކައި މިހާރުން މިހާރަށް ކަންތައްތަކެއް ކުރަން ފެށުމަށް ކަނޑައެޅުއްވި ތަސައްވުރެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ދާދިފަހުން ރާއްޖޭގައި މާރާމާރީއާއި ފޭރުމާއި ވައްކަން ފަދަ ކުށްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި އެކަންކަން ހުއްޓުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހާއި އާއްމުން ރައްޔިތުން ދަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވައިލަމުންނެވެ.