14 Oct 2015, 01:21
ޔޫރަޕްގެ އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެވޯޑް ހަތަރު ވަނަ ފަހަރަށް ހާސިލުކޮށް އެ އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ ހަދައިފިއެވެ.
މިދިޔަ ސީޒަންގައި ރޮނާލްޑޯ ވަނީ 48 ލަނޑު ޖަހާފައެވެ. އޭނާއާ ވާދަވެރި އާޖެންޓީނާގެ ލިއޮނަލް މެސީއަށް ޖެހިފައިވަނީ 43 ލަނޑެވެ.
މެސީ ވަނީ މިއެވޯޑް ތިން ފަހަރަށް ހަސިލުކޮށްފައެވެ. މެސީ އަކީ ބޯލްޑަން ބޫޓް ތިން ފަހަރަށް ހޯދި ފުރަތަމަ ކުޅުންތެރިޔާއެއެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ވެސްޓަން ޕެލަސްގައި ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި ރޮނާލްޑޯ ބުނީ މިއީ އޭނާގެ ހަޔާތުގައި ފާހަގަ ކުރެވޭ ވަގުތެއް ކަމަށާއި ހަތަރު ވަނަ ޔޫރަޕްގެ ގޯލްޑަން ބޫޓް އެވޯޑް ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފަކާއި އުފަލެއް ކަމަށެވެ.
އޭނާ ބުނީ ހަތަރު އެވޯޑުން އަދި ހުއްޓާލަން ބޭނުންނުވާ ކަމަށާއި އޭނާއަށް މަސައްކަތް ކުރެވޭނަމަ ފަހެއް ނުވަތަ ހައެއް ނުވަތަ ހަތް އެވޯޑްވެސް ބޭނުން ކަމަށެވެ.
"ހަގީގަތުގައި މިއީ އިންޑިވިޖުއަލް އެވޯޑެއް ނަމަވެސް އަހަރެންގެ ޓީމުގެ ކުޅުންތެރިންނާ ނުލައި އަހަންނަށް މި އެވޯޑް ހަސިލު ނުކުރެވުނިސް،" ގޯލް މެޝިންގެ ގޮތުގައި މަޝްހޫރު ވެފައިވާ ކުޅުންތެރިޔާ ބުންޏެވެ.
ރޮނާލްޑޯ ބުނީ ރެއާލް މެޑްރިޑަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު ކަމަށާއި އެޓީމަށް ގިނަ ކާމިޔާބީ ތަށި ތަކެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގާއި ސްޕެނީޝް ކަޕް ކަމިޔާބު ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
ރޮނާލްޑޯ އެންމެ ފުރަތަމަ ޔޫރަޕިއަން ގޯލްޑަން ބޫޓު ހޯދާފައި ވަނީ 2007-2008 ގެ ސީޒަންގައި މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު އިރުއެވެ. އެސީޒަންގައި އޭނާ ވަނި 31 ލަނޑު ޖާހަފާއެވެ.
އެއަށްފަހު މިއެވޯޑް އޭނާ ހާސިލުކޮށްފައިވަނީ 2010-2011 ސީޒަންގައި ރެއާލް މެޑްރިޑުންނެވެ. އޭނާ އެސީޒަންގައި 41 ލަނޑު ކަމިޔާބު ކުރިއެވެ. އަދި މިދިޔަ އަހަރުގެ އެވޯޑް ރޮނާލްޑޯ ހާސިލު ކުރީ 31 ލަނޑު ޖަހައިގެންނެވެ.