ގދ. ގައްދޫން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި ލޯންޗެއް 18 މީހުންނާ އެކު ފަރަކަށް އަރައިފި އެވެ.

ފަރަށް އަރާފައި ވަނީ "ރާސް 2" ނަމަކަށް ކިޔާ ލޯންޗެކެވެ. މިރޭ ގާތްގަނޑަކަށް 7:10 ހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫއަށް ދަތުރުކުރަނިކޮށް މާހުޓީގަލާ ފަރަށް އެރި ލޯންޗެއް ފުލުހުންނާއި ކޯސްޓްގާޑް ގުޅިގެން ކުރި މަސައްކަތުން މިހާރު ފުންކޮށްފައިވާ ކަމަށާއި އޭގައި ދަތުރުކުރި މީހުން ފުލުހުންގެ ލޯންޗެއްގައި ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންނާއި ކޯސްޓްގާޑުން ގުޅިގެން ކުރި މަސައްކަތުން ލޯންޗު ފުންކުރެވިފައި ވަނީ މިރޭ 21:40 ހާއިރު ކަމަށާއި އެ ހާދިސާގައި ލޯންޗުގެ އިންޖީނަށް ކޮންމެ ވެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ދުވަސްވަރަކީ، ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު ދަތުރު ފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ކުރާނަމަ މޫސުމާ ބެހޭ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައި، މޫސުން ގޯސްނަމަ ކޮންމެހެން ކުރަންޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެ އެވެ.