13 Oct 2015, 23:19
ތަރައްޤީގެ މަގުގައި އާ އުސްމިންތަކަކަށް ދިއުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދީގެން، މަޝްރޫޢުތައް އަވަހަށް ނިންމުމަށް ރައްޔިތުން އެއް ރޫޙަކާއެކު މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސް ޔާމީން ނެރުއްވެވި ހިތާބުގައި ވިދާޅުވެފައި ވަނީ އަޅުގަނޑުމެންގެ މެދުގައިވާ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކޮށް، އެއްބަޔެއްގެ ގޮތުގައި އާ ރޫޙަކާއެކު މަސައްކަތް ކުރުމުގެ ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ތަރައްގީގެ އުސްމިންތަކަކަށް ރާއްޖެ ގެންދިޔުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
"ރާއްޖެ، ތަރައްޤީގެ މަގުގައި އާ އުސްމިންތަކަކަށް ގެންދިޔުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދެއްވުމަށާއި، އެކި މަޝްރޫޢުތައް އަވަހަށް ނިންމުމުގައި، ރައްޔިތުން އެއް ރޫޙަކާއެކު މަސައްކަތް ކޮށްދެއްވުމަށް، މި ފުރްޞަތުގައި އަޅުގަނޑު ގޮވާލަމެވެ،" ރައީސް ޔާމީންގެ ޚިތާބުގައި ވިދާޅުވެފައިވެ އެވެ.
ހިޖުރީ އާ އަހަރަކާ ބައްދަލުކުރާއިރު، ފާއިތުވެދިޔަ އަހަރުގެ ކަންތައްތަކާމެދު ފުންކޮށް ވިސްނައި، އާ ޢަޒުމްތަކެއް ހުރިހާ ރައްޔިތުން ވެސް ކަނޑައެޅުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޔާމީން ބައްލަވާލައްވަނީ-- ފޮޓޯ/ ރައީސް އޮފީސް
ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ތަހުނިޔާގައި ރައީސް ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ވެސް ތަހުނިޔާ ދަންނަވާފަ އެވެ.
ހިޖުރީ ތާރީޚުގެ ފެށުން ފާހަގަ ކުރި ހާދިސާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމަށް އިސްލާމް ދީން ބާރުއަޅާފައިވާ މިންވަރު، ކީރިތި ރަސޫލާގެ ހިޖުރައިން އެނގިގެން ގޮސްފައިވާ ކަމަށެވެ.
"މާތްﷲ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވާއިރު، ހިޖުރައިގެ ހާދިސާއަކީ، އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާއެކެވެ. ހަމައެހެންމެ އެ ހާދިސާއަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ޢިބްރަތްތެރި ހާދިސާއެއްކަން ހަނދާންކުރަންޖެހެއެވެ،" ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސް ޔާމީން ނެރުއްވެވި ހިތާބުގައިވެ އެވެ.

އޭދަފުށީ ބިން ހިއްކުމުގެ މަޝްރޫއު ފެށި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް