އެމްއެމްއޭގެ ގަވަރުނަރުކަމުން ފަޒީލު ނަޖީބު ވަކިކުރެއްވުމުގެ މައްސަލައެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަޒީލު ނަޖީބު ގަވަރުނަރު ކަމުން ވަކި ކުރެއްވުމުގެ ގޮތުން ރައީސް ފޮނުއްވި ސިޓީފުޅު އިއްވަވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދެވެ. އެ ސިޓީ ފުޅުގައި ވިދާޅުވެފައި ވަނީ، އެމްއެމްއޭގެ ގަވަރުނަރާ ބެހޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ ފުޅާއި މީޑިޔާގައި ދައްކަވާފައިވާ ވާހަކަފުޅާ ގުޅިގެން ގަވަރުނަރުކަމުގެ މަސްއޫލިއްޔަތު ފަޒީލު ނަޖީބަށް ފުރިހަމައަށް އަދާކުރެވޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެހެންކަމުން ގަވަރުނަރުކަގެ މަގާމުން ފަޒީލު ނަޖީބު ވަކިކުރެއްވުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެންނެވީ ކަމަށް ވެސް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް ފަޒީލު ނަޖީބު އައްޔަން ކުރައްވާފައި ވަނީ 22 އޮކްޓޫބަރު 2008 ގަ އެވެ.
ފަޒީލު ނަޖީބު މަގާމުން ވަކިކުރެއްވުމުގެ މައްސަލައިގައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެފައި ވަނީ ފަޒީލު ނަޖީބް ވަކި ކުރެއްވުމަށް އެމްޑީޕީން ހުށަހެޅީ ގަވަރުނަރެއްގެ މަގާމް، ޒިންމާދާރުކޮށް އަދާނުކޮށް ބައެއް ކަންކަމުގައި އިހުމާލްވެފައިވާތީ ކަމަށެވެ. އަދި ދިވެހި ފައިސާގެ އަގު ވެއްޓެމުންދާ މައްސަލަ އާއި ޑޮލަރުގެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް ފަޒީލުގެ ގަވަރުނަރުކަމުގައި އަޅުއްވާފައިނުވާ ކަމަށް ވިދާޅުވެ އެކަންތައް ރަނގަޅު ކުރުމަށް އިހުމާލުވެފައިވާ ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފަ އެވެ.