13 Oct 2015, 23:32
ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ގުރޫޕް 'ސީ' ގެ ދެ ވަނަ ލެގް މެޗްގައި އަމިއްލަ ދަނޑުގައި ގަތަރުން 4-0 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި އެވެ.
އަނިޔާގެ ސަބަބުންނާއި ސަސްޕެންޝަންގެ ސަބަބުން ރާއްޖޭގެ ސީނިއާ ބައެއް ކުޅުންތެރިންނަށް މިރޭގެ މެޗުގައި ނުކުޅެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގެ ޖައްސާމް ހައްމާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ގަތަރުން ލީޑު ނެގީ 29 ވަނަ މިނެޓުގައި ބޫއަލަމް ކުކީ އެވެ. ގަތަރުގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބު ކުރީ އޭނާ އެވެ.
ފުރަތަމަ ހާފުގައި އެއް ލަނޑު ޖެހި ނަމަވެސް ގަތަރުގެ ކުޅުންތެރިން ކުޅެމުން ދިޔައީ ހަމަޖެހިލައިގެންނެވެ.
ފުރަތަމަ ގަތަރުން މަސައްކަތް ކޮށްފައި ވަނީ މުޅި ޓީމު ޑިފެންސަށް ފައިބައިގެން ކުޅެމުންދިޔަ ރާއްޖޭގެ ޑިފެންސުން ޖާގަ ހޯދައިގެން ކުޅުމަށެވެ.
އެގޮތުން އެ ޓީމުން ވަނީ ޑިފެންސް ތެރެއިން ލިބުނު ފުރުސަތުގައި ދެތިން ހަމަލާއެއް ރާއްޖޭގެ ގޯލަށް އަމާޒުކޮށްފަ އެވެ.
ރާއްޖެއަށް ނުރައްކާތެރި ހަމަލާއެއް ނުއުފެއްދުނަސް ގަތަރުން ވަނީ ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އަށް ބޯޅަ ލިބުމުން އޭނާ މާކް ކުރުމަށް ސާމާލުކަމައެއް ދީފައެވެ.
ގަތަރުގެ ދެ ވަނަ ލަނޑު 69 ވަނަ މިނެޓްގައި މުޙައްމަދު ކަސޯލާ ކާމިޔާބު ކުރީ އެ ޓީމުން ނެގި ކޯނަރު ގޯލް ކުރި މައްޗަށް ހުރަސް ވުމުން އެއް ފަހަރުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ތިން ވަނަ ލަނޑު 72 ވަނަ މިނެޓްގައި ބޫއަލަމް ކާޟިޔާބު ކުރީ އެޓީމުން ނެގި ހުރަސް ރާއްޖޭގެ ޑިފެން ޑަރެއްގެ ގައި ޖެހިފައި އޭނާއަށް ލިބުނު ބޯޅަ ކުރިއަށް ފޮނުވާލައި ގެންނެވެ.
އެ ޓީމުގެ ހަތަރު ވަނަ ލަނޑު މުހައްމަދު މޫސާ ކާމިޔާބު ކުރީ މެޗްގެ ފަހު ވަގުތުގަ އެވެ.
އެ މެޗުން މޮޅުވުމުން ގަތަރުން ވަނީ ކޮލިފައިންގައި ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓާފައެވެ. އޭޝިއާ ޒޯންގެ ކޮލިފައިންގައި މިހާތަނަށް މި ރެކޯޑް ދަމައްހައްޓަމުން އަންނަނީ ގަތަރުގެ އިތުރުން ސައުދީ ޢަރަބިއްޔާއާއި ދެކުނު ކޮރެއާ އެވެ.
ކޮލިފައިންގައި ގަތަރާ ރާއްޖެއަށް ވެސް ބާކީ އޮތީ ތިން މެޗެވެ.