13 Oct 2015, 22:04
އަށްޑިހަ ވަރަކަށް މީހުންނާ އެކު މާލެ އިން ފުރައިގެން އދ. މީމިގިއްޔަށް ދަތުރު ކުރަނިކޮށް މާލެ އަތޮޅު ރަންނާޅި ރިސޯޓް ކައިރިއަށް މިދިޔަ މަހު އަޑިއަށް ދިޔަ މާމިގިލީ ސަން ފެރީ، މަހެއްހާ ދުވަސް ފަހުން އިއްޔެ ފެންމަތިކޮށްފި އެވެ.
މިދިޔަ މަހު 15 ވަނަ ދުވަހުގެ ރޭ މާލެ އިން ފުރައިގެން މާމިގިއްޔަށް ދަތުރު ކުރަނިކޮށް ސަން ފެރީ އަޑިއަށް ދިޔައީ، ދިރުނބާކޮޅުން ރާޅެއް އެރި އިރު ބޯޓުގެ ކުރީ ތައްޓުގަނޑެއްގެ މަތި ނަގާފައި ހުރުމުން، ބޯޓުގެ ތެރެ އަށް ރާޅު އަރައިގެންނެވެ. އެ ބޯޓް އަޑި އަށް ގޮސް އޮތީ އަލިހުރަސް ކަނޑަށް ނުކުންނަ ކަނޑުއޮޅީ ތެރޭގައި ގާތްގަނޑަކަށް 40 މީޓަރު އަޑީގަ އެވެ.

ސަން ފެރީ ފަޅު މައްޗަށް ބީއްސާލާފައި --
ސަން ފެރީގެ އެއް އޮޑިވެރިއެއް ކަމަށްވާ އދ. މާމިގިލީ، ރަންގަލީ އަބްދުލްހަންނާނު އިބްރާހީމް މިރޭ ސަން އަށް ވިދާޅުވީ މަހެއްހާ ދުވަހު ކުރި މަސައްކަތުން ފެރީ ފެންމަތި ކުރެވުނީ އިއްޔެ ކަމަށާއި އަދި މާލެ އަތޮޅު ވާގަލީ ކައިރީގައި އޮންނަ ދޮންވެލި ސަރަހައްދަކަށް ބޯޓު ބީއްސާލެވުނީ މިއަދު އިރުއޮސެން ކައިރިވެފައި ވަނިކޮށް ކަމަށެވެ.
"މިހާރު ބޯޓުގެ ދިރުނބާކޮޅު ވަނީ މައްޗަށް އެއްކޮށް ހިކޭ ވަރަށް ފަޅުމައްޗަށް ބީއްސާލާފައި،" ހަންނާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެރީ އަޑިން ނެގުމަށް ސިފައިންގެ ތަކެއްޗާއި އެހީ ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ސިފައިންގެ ޑައިވަރުންގެ ތެރެއިން ހައެއްކަ ޑައިވަރުން އެ ބޭފުޅުންގެ ލޯންޗު ފަހަރުގައި އެ ސަރަހައްދަށް ގޮސް ސަން ފެރީގެ ވެރިންނާ އެކު ފެރީ ނެގުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މިއަދު ވެސް ސިފައިންގެ ލޯންޗުގެ ފަޅުވެރިންގެ އިތުރަށް ޑައިވަރުންނާ އެކު 13 ވަރަކަށް ބޭކަލުން މަސައްކަތް ކުރި ކަމަށެވެ.
ހަންނާނު ވިދާޅުވީ 40 މީޓަރު އަޑީގައި އޮތް ބޯޓު ފެންމަތި ކުރީ 70 ވަރަކަށް ފީފާ އާއި އަދި ހަ ބެލޫން ބޭނުންކޮށްގެން ކަމަށެވެ.
"ތިން ބެލޫން ނަކީ ސިފައިން ގެނައި ބެލޫން، ދެން ހުރި ބެލޫންތަކަކީ ވިލާ ޝިޕިންގް އިން ފޯރުކޮށްދިން ބެލޫން،" ހަންނާނު ވިދާޅުވި އެވެ.

ބެލޫންތަކާއި ފީފާތަކުގެ އެހީގައި ފެރީ ނަގަނީ --
އޭނާ ވިދާޅުވީ ޕަމްޕް ޖަހައިގެން ބޯޓުން ފެންހިއްކައި ބޯޓު އެއްކޮށް މައްޗަށް ނެގެންދެކަށް ސިފައިން މަސައްކަތްކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިފައިންނާ އައި އަދި ވިލާ ޝިޕިންގެ އިތުރަށް އަދި ވަރަށް ގިނަ އަމިއްލަ ޑައިވަރުންނާއި އަދި ހެޔޮއެދިގެން ހިލޭ ސާބަހަކަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
ހަންނާނު ވިދާޅުވީ ފެރީ ފެންމައްޗަށް ނަގަން ކުރި މަސައްކަތުގައި، ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދެތިން ފަހަރަކު ބޯޓު ވަކި ހިސާބަކަށް މައްޗަށް ނެގުނު ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރޭގައި އާއި އަދި ބޯޓު އަޑިއަށް ދިއުމުން ބޮޑެތި ގެއްލުންތަކެއް ބޯޓަށް ވެފައިވާ ކަމަށެވެ. އެ ގޮތުން ބޭރަށް ފެންނަން ހުރި ގެއްލުންތަކުގެ ތެރޭގައި އަޑިން އެއްޗެއް ޖެހި ބަނޑުފިލައިން ދެތިން ތަނެއް ފޫގޮސްފައިވާ ކަމަށާއި އަދި އެއް ފަހަރު ބޯޓު މައްޗަށް އެރުމަށް ފަހު އަޑިއަށް ގޮސް ޖެހުނު ބުރުގައި ބޯޓުގެ ހުންގާނު އަޅުވާ މައިދާ ބިންދައިގެން ދިޔުމުގެ އިތުރަށް ބުރަފަތީގެ އެއް ފިޔަގަނޑު ވެސް ވަރަށް ބޮޑަށް ގުދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރަށް ބޯޓުގެ ސަންޑެކް ވަރަށް ބޮޑަށް ހަލާކުވުން ފަދަ ގެއްލުންތައް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓުގެ ފެން ހިއްކުމަށް ފަހު މަރާމާތަށް ގެންދާނީ މާމިއްގިއްޔަށް ކަމަށެވެ.