މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ހުރިހާ ކުދިންނަށް މި އަހަރުން ފެށިގެން ސަރުކާރުގެ ހަރަދުގައި ކިޔަވައިދޭ ދޭ ގޮތަށް ހަމަޖައްސައި އެކަން އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ، އޯލެވެލް ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީ ތައުލީމު އުގެނެވޭ މިންވަރަށް ފާސްވާ ކުދިންގެ ނިސްބަތް އެތައް ތަނަކުން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އަމިއްލަ ސުކޫލްތަކުގައި އޭލެވެލް ހަދާ ކުދިންގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކިޔެވުމުގެ ފީ އާއި އަދި އިމްތިހާނު ފީ ވެސް ސަރުކާރުން ދައްކައިދޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރު އޯލެވެލް ނިންމި ކުދިންގެ ތެރެއިން 1400 އަށް ވުރެ ގިނަ ކުދިން ފަސް މާއްދާ އިން ފާސްވެފައިވާ ކަމަށެވެ. އަދި މާލޭގެ ސްކޫލުތަކުން އޭލެވެލް އަށް ކިޔެވޭ ފެންވަރަށް 750 ކުދިން ފާސްވެފައިވާ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުޏްނެވެ.

މާލޭގައި މަތީ ސާނަވީ ތައުލީމު އުގެނޭ ހަމަ އެކަނި ސަރުކާރުގެ ސުކޫލަކަށް ހުންނަނީ ސެންޓަފޯ ހަޔާ ސެކަންޓަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ. އަދި އަމިއްލަ ސުކޫލްތަކުގެ ތެރެއިން އަހުމަދިއްޔާ ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި އޭލެވެލް އަށް ކިޔައިވައިދެ އެވެ. އެގޮތުން ފަސް މާއްދާ އިން ފާސްވެ ވިލާ ކޮލެޖާއި އަހުމަދިއްޔާ ސުކޫލުގައި އޭލަވަލް ކިޔާވާ ކުދިންނަށް އެ ކުދިންގެ ސުކޫލް ފީ ސަރުކާރުން ދައްކައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިދިޔަ އަހަރު އޯލެވެލް ނިންމި ދަރިވަރުން ނޫނަސް އެހެން ދަރިވަރުންނަށް ވެސް ސަރުކާރުގެ ހަރަދުގައި އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ ކުދިންނަކީ ޖޫން މަހުގެ ނިޔަލަށް 18 އަހަރު ނުފުރޭ ކުދިންނަށް ވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.