ތެހެރާން (އޮކްޓޯބަރ 13): އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކޮށްފައިވާ އެއްބަސްވުން، އީރާނުގެ ޕާލަމެންޓުން ތަސްދީގު ކޮށްފި އެވެ.

އީރާނުގެ ޕާލަމެންޓްގައި ހިމެނޭ ކޮންޒަވެޓިވް ޚިޔާލުގެ މެމްބަރުން މިއެއްބަސްވުމަށް ތާއީދެއް ނުކުރެ އެވެ. މިއީ އެމެރިކާ އާއި ދުނިޔޭގެ އެހެން ބާރުތަކަށް ދޭންވާ ވަރަށްވުރެ ބޮޑަށް ދޫދީފައިވާ އެއްބަސްވުމެއް ކަމަށް އީރާނުގެ އިދިކޮޅު ކޮންޒަވެޓިވް ޚިޔާލުގެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

މިއެއްބަސްވުން ތަސްދީގު ކުރުމުގެ ގޮތުން އީރާނުގެ ޕާލަމެންޓުން ފާސްކުރި ގަރާރުގައި އީރާނުގެ އަސްކަރީ ތަންތަން ފާސްކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދިނުމަށް އީރާނުގެ ސަރުކާރަށް ލާޒިމް ކުރެއެވެ. އީރާނުގެ އަސްކަރީ މަރުކަޒުތަކަކީ ނިއުކްލިޔަރ ތަންތަންނޫންކަމަށާ ނިއުކްލިޔަރ މައްސަލައަކާ ގުޅިގެން އެފަދަ ތަނެއް ބަލައި ފާސްކުރުމަށް މިއެއްބަސްވުން ގޮވާލައެވެ. ނަމަވެސް އަސްކަރީ މަރުކަޒެއް ބަލައި ފާސްކުރުމަށް އެދިއްޖެ ނަމަވެސް އެކަންކުރާނީ ކުރިން އީރާނަށް އެކަން ހުށަހަޅައި އީރާނުން ރުހުންދިނުމުންކަމަށް އެއްބަސްވުން ބުނެއެވެ.

ނިއުކްލިޔަރ އެއްބަސްވުން ތަސްދީގު ކުރުމަށް އީރާނުގެޕާލަމެންޓުން ފާސްކުރި ގަރާރުގެ ސަބަބުން އީރާނުގެ އަސްކަރީ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރްސަތު ބޭރުގެ ފަރާތްތަކަށްވަނީ ގެއްލިފައެވެ. ނަމަވެސް އަސްކަރީ މަރުކަޒުތަކަކީ ކޮންތަނެއްކަން މި ގަރާރުގައި ބަޔާންކޮށްފައިނުވާތީ އީރާނުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރެވޭގޮތަށް ނިއުކްލިޔަރ އެއްބަސްވުން ތަންފީޒު ކުރުމުގެ އިޚްތިޔާރު މިގަރާރުން އީރާން ސަރުކާރަށް ލިބިގެންދާނެކަމަށް ވަނީ ބެލެވިފައެވެ. އީރާނުގެ ޕާލަމެންޓްގައި ކޮންޒަވެޓިވް ވިސްނުމުގެ މެންބަރުން ގިނަ ނަމަވެސް ނިއުކްލިޔަރ އެއްބަސްވުން ޕާލަމެންޓުން ތަސްދީގުކުރީ މިއެއްބަސްވުން ތަސްދީގުކޮށް އެއާ އެއްގޮތަށް އަމަލުކޮށްފިނަމަ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުމުގެ ފުރްސަތު އީރާނަށް ލިބިގެންދާނެތީ އާ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ރައްޔިތުން ބޭނުންވާތީ ކަމަށްވަނީ އީރާނުގެ މުހައްލިލުން ވިދާޅުވެއެވެ.

އީރާނުގެ ޕާލަމެންޓުން މިއެއްބަސްވުން ތަސްދީގުކުރުމަކީ އީރާނުގެ އިސްލާޙީ ޚިޔާލުގެ ރައީސް ޙަސަން ރޫޙާނީ އަށާއި އޭނާގެ ސަރުކާރަށް އެގައުމުގެ އެތެރޭން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އީރާނުގެ ޕާލަމެންޓުން މިއެއްބަސްވުން ތަސްދީގުކުރުމުގެ އަނެއް ސަބަބަކީ އެމެރިކާގެ ކޮންގްރެސްއިންވެސް މިއެއްބަސްވުން ތަސްދީގު ކުރުމަށް ބާރުއެޅުމެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހުންނެވީ ވީޓޯގެ ބޭނުން ކުރައްވައިގެން ނަމަވެސް ކޮންގްރެސްއިން މިއެއްބަސްވުން ތަސްދީގު ކުރެއްވުމަށް ކެތް މަދުވެ ވަޑައިގެންފައެވެ. މި ހަފްތާ ނިމޭއިރު އެމެރިކާގެ ކޮންގްރެސްއިންވެސް މިއެއްބަސްވުން ތަސްދީގު ކުރާނެ ކަމަށްވަނީ ބެލެވިފައެވެ. މިއެއްބަސްވުން ތަސްދީގުކުރުމާއެކު އެއްބަސްވުން ތަންފީޒު ކުރަން ފެށޭނެއެވެ.

ނިއުކްލިޔަރ އެއްބަސްވުން ތަންފީޒު ކުރަން ފެށުމާއެކު ދަތިކުރުމުގެ ފިޔަވަޅުތައް މަޑުމަޑުން އުވާލަމުންގޮސް ހުރިހާ އިގްތިސާދީ މާލީ އަދި ވިޔަފާރީގެ ހުރިހާ ފިޔަވަޅުތަކެއް 6 މަސް ތެރޭގައި އުވާލާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިކަމާބެހޭ އދ. ގެ ގަރާރުވެސް ސަލާމަތީ މަޖިލީހުން މިދިޔަ އޮގަސްޓް މަހު ވަނީ ފާސްކޮށްފައެވެ. (ނޫސްއެޖެންސީތައް)