އެމްޓީސީސީން ރާއްޖޭގެ މާކެޓަށް 60 ހޯސްޕަވަރުގެ ޔަންމާ އިންބޯޑް އިންޖީނެއް ތައާރަފުކޮށްފި އެވެ.

އެމްޓީސީސީން ބުނީ އެ އިންޖީނަކީ 30 ފޫޓާއި 45 ފޫޓާ ދެމެދުގެ އުޅަނދުތަކަށް ހާއްސަ އިންޖީނެއް ކަމަށެވެ. އެގޮތުން އެ މަސްވެރިކަން ކުރަން ބޭނުން ކުރާ އުޅަނދު ފަހަރާއި ރިސޯޓުތަކުގައި އެކްސްކާޝަންއަށް އަދި ކުދި ފެރީތަކުގައި ބޭނުންކޮށްލަން އެއީ ވަރަށް ކަމުދާ އިންޖީނެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

ރާއްޖޭގެ މާކެޓަށް އެ އިންޖީނު ތައާރަފް ކުރުމަށް މިރޭ އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނު އިފްތިތާހުކޮށް ދެއްވީ ރާއްޖޭގެ ފިޝަރީޒް އަދި އެގްރިކަލްޗާ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

އެ އިންޖީނު ވެގެންދާނީ ޔަންމާ ބްރޭންޑުގެ އެހެން އިންޖީނުތަކެކޭ އެއްފަދައިން ދުވެލި ރަނގަޅު އަދި އިންޖީނުގެ ގިއާރޭޝިއޯ މަތިވުމުގެ ސަބަބުން ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ރާއްޖޭގެ މާހައުލާ ރައްޓެހި އިންޖީނަކަށް ކަމަށެވެ.

ދެ ދޯންޏެއްގައި މިހާރު އެ އިންޖީނު ޓެސްޓްކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. އެމްޓީސީސީން އޮޑިވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން މިއަހަރު އޭޕްރީލް މަހު ތައާރަފްކުރި ދިގު މުއްދަތެއްގައި ފައިސާ ދައްކައިގެން އިންޖީނު މިލްކުކުރެވޭ ސްކީމް "ތަމްވީލް ތަކްސީދު" މެދުވެރިކޮށް 18 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާގޮތަށް އިންޖީނު ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އެމްޓީސީސީ އަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑު އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާއި ސިގްމާ އެންޓިފައުލިން ސިސްޓަމްގެ ރާއްޖޭގެ އެޖެންޓެވެ.