13 Oct 2015, 20:25
މިދިޔަ މަހު 11 ވަނަ ދުވަހު މައްކާގެ ޙަރަމްފުޅު ތެރެއަށް ވެއްޓުނު ކްރޭނު އެތަނުން ނަގައި ހަރަމްފުޅު ތެރެއިން ބޭރުކޮށްފި އެވެ.
މައްކާގެ ބައެއް މަސްދަރުތަކާ ހަވާލާދީ ސައުދީ ގެޒެޓުން ބުނީ، ރައްކާތެރި ހިސާބަކަށް އެ ކްރޭނު މިހާރު ބަދަލުކޮށްފައިވާ ކަމަށާއި ޙަރަމްފުޅަށް އަންނަ މީހުންނަށް އޭގެ ސަބަބުން މިހާރު އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ.
ނަމަވެސް ކްރޭނުން ޖެހި ވެއްޓުނު ސިމެންތި ތަނބުތަކާއި އެހެނިހެން ބައިތައް އަދިވެސް އެތަނުގައި ހުރި ކަމަށް ސައުދީ ގެޒެޓުން ބުންޏެވެ.
ކްރޭނުގެ ބޮޑަތި ބައިތައް އެތަނުން ބޭރުކޮށްފައި ވަނީ ބައިބަޔަށް ބުރިކޮށްގެން ކަމަށް ސައުދީ ގެޒެޓަށް މައުލޫމާތުދިން ފަރާތުން ބުނެފައިވެ އެވެ. އެ ކްރޭނަކީ ޖަރުމަނުން އުފައްދާފައިވާ ކްރޭނެކެވެ.
ޙަރަމްފުޅުގައި ކްރޭން ބޭނުންކުރަމުން އައީ ޙަރަމްފުޅު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސައުދީ ބިންލާދިން ގްރޫޕުންނެވެ. ބިންލާދިން ގްރޫޕަކީ ސައުދީގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެވެ.
ކްރޭން ވެއްޓުނު ހާދިސާގައި 107 މީހަކު ނިޔާވުމުގެ އިތުރަށް 238 މީހަކު ވަނީ ޒަހަމުވެފަ އެވެ.
ސައުދީ ރަސްގެފާނު ސަލްމާނާ ހަވާލާދީ ސައުދީ ނިއުސް އެޖެންސީ (އެސްއެންއޭ) އިން ބުނީ އާ ބީލަންތަކާއި އާ މަޝްރޫއުތަކުގައި ބައިވެރިވުން ވެސް ބިންލާދީން ގްރޫޕްގެ މައްޗަށް މަނާކޮށްފައިވާ ކަމަށެވެ. މުޅި ތަހުގީގުތައް ނިމި އަދި ހުރިހާ ގާނޫނީ މައްސަލަތަކެއް ނިމެންދެން އެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ވެސް ރަސްގެފާނުގެ އަމުރުފުޅުގައިވެ އެވެ.