13 Oct 2015, 16:52
ބްރެޒިލްގެ ގައުމީ ސްކޮޑުގައި މޮޅު އަދި ހުނަރުވެރި ގިނަ ކުޅުންތެރީން ތަކެއް ތިބި ނަމަވެސް ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް ނުދެއްކޭ ކަމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ބުނެފި އެވެ.
މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިން ކެމްޕޭންގައި ޗިލީއާ ވާދަކޮށް 2-0 އިން ބްރެޒިލް ބަލިވި މެޗަށްފަހު ޕެލޭ ބުނީ، ބްރެޒިލް ޓީމުން ފެނިގެން ދިޔައީ ވަކިވަކި ކުޅުންތެރީންގެ ހުނަރު އެކަނި ކަމަށެވެ.
ފުޓްބޯޅައިގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން ދިޔަ ބްރެޒިލް، އެންމެ ފަހުން ބޭވި ވޯލްޑްކަޕްގައި އަމިއްލަ ފަސްގަނޑުގައި ޖަރުމަނު އަތުން 7-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗަށްފަހު، އެޓީމުން ދަނީ ހިތްދަތި ތަޖްރިބާތަކެއް ކުރަމުންނެވެ. އެގޮތުން އެންމެފަހުން ބޭއްވި ކޮޕާ އެމެރިކާ މުބާރާތުގައި ވެސް ކުއާޓާ ފައިނަލާ ހިސާބުން އެޓީމަށް ޖެހުނީ މުބާރާތަށް އަލްވަދާއު ކިޔާށެވެ.
ބްރެޒިލް ޓީމަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަކީ، އެގައުމުގައި ފުޓްބޯޅައަށް އޮތް ލޯތްބާއި ފޯރި ކުޑަވުންކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ޕެލޭ އެކަން ގަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް އޭނާ ބުނީ، ޓީމުގެ ތެރޭގައި ރަނގަޅު ގުޅުމެއް ނެތީ ކަމަށެވެ.
"އަހަރެމެންގެ ތެރޭގައި ފުޓްބޯޅައަށް އޮތް ލޯބި ކުޑައެއް ނުވޭ. ބްރެޒިލް ޓީމުގައި އެބަ ތިބި އެންމެ މޮޅު ކުޅުންތެރީން، އެކަމަކު އަހަރެމެންނަށް ޓީމު އެކުލަވައިލާން ވަގުތު ނުވަނީ،" މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އޭނާގެ ގައުމުގެ ފުޓްބޯޅައަށް ދިމާވެފައިވާ ހާލަތާ ގުޅޭގޮތުން ބުންޏެވެ.
"ވަކިވަކި ކުޅުންތެރީން ވެސް މުހިއްމު. އެކަމަކު ރަނގަޅު ޓީމެއް އެކުލަވައިލަން ހުރިހާ ކުޅުންތެރީން ގުޅިގެން ޓީމެއްގެ ގޮތުގައި ކުޅުން މުހިއްމު. އަހަރެމެންގެ އެބަތިބި އެންމެ މޮޅެތި ކުޅުންތެރީން، އެކަމަކު ޓީމެއްގެ ގޮތުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި."
ޕެލޭ ބުނީ، އޭނާ ފުޓްބޯޅަ ކުޅުނު ދުވަސްވަރު، ކުޅުންތެރީން ނިސްބަތްވަނީ ކްލަބަށް ކަމަށާއި އެހެން ނަމަވެސް މިޒަމާނުގައި ކުޅުންތެރީންގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެ ކުޅުންތެރީންގެ އެޖެންޓުން ކަމަށެވެ.
"މިހާރު ދަނޑު މަތީގައި އެކި މަގާމުތަކަށް ކުޅުންތެރީން ލައްވައި ކުޅުވުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވޭ،" ގައުމީ ޓީމުގެ ހާލަތާބެހޭގޮތުން ޕެލޭ ބުންޏެވެ.
ކޮޕާ އެމެރިކާގައި ޕެރަގުއޭއާ ދެކޮޅަށް ކުޅެ އެ މުބާރާތުން ބްރެޒިލް ކެޓި މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ބްރެޒިލްގެ ކެޕްޓަން ނޭމާއަށް ވަނީ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ވެސް ނޭމާއަށް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލަށް ކާމިޔާބީއެއް ހޯދައިދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައެވެ.
ސަސްޕެންޝަނާއި އަނިޔާއިން ސަލާމަތްވެ ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް އައިސް ބްރެޒިލަށް ކާމިޔާބެއް ހޯދައިދެވިދާނޭ ކަމަށް ގަބޫލުކުރެވޭތޯ ރިޕޯޓަރުން ސުވާލުކުރުމުން ޕެލޭ ބުނީ، ނޭމާއާ ދޭތެރޭގައި އޭނާ ވަރަށް ފޮނި އުންމީދުތަކެއް ކުރާ ކަމަށެވެ.
"އަހަރެން ގަބޫލުކުރަން ނޭމާ ބްރެޒިލަށް ޓްރޮފީތަކެއް ހޯދައިދޭނޭ ކަމަށް. އޭނާ ފުޓްބޯޅައިގެ ތެރެއަށް ނުކުތީ ސަންޓޯސްގެ ކުޅުންތެރިއެއްގެ ގޮތުގައި. އަހަރެންވެސް ކުޅުނު ކްލަބް،" ޕެލޭ ބުންޏެވެ. "އަހަރެންގެ ދަރިފުޅު އެޑީނިއޯ އޭނާ ޓްރެއިންކުރުވީ. އަހަރެން އޭނާ [ނޭމާ]އާ ދޭތެރޭ ފަހުރުވެރިވަން އަދި އުފާކުރަން. އޭނައަށް ރަނގަޅު މުސްތަގުބަލެއް އެބައޮތް."
ޕެލޭ ބުނީ، އޭނާ ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ނޭމާއަށް ވެވޭނޭ ކަމަށެވެ.