ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބު އަބްދުލް ޣަފޫރު ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ޗާއިނާއަށް ފުރާވަޑައިގަތީ މިއަދު 1:00 އެހާކަންހާއިރު އެވެ.

ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެ ދަތުރުފުޅަކީ ޗައިނާގައި އޭޝިޔާގެ ގައުމުތަކުން ބާއްވާ ސިޔާސީ ޕާޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބައްދަލުވުމުގައި ޗައިނާއިން ހިންގާ 21 ސެންޗަރީ މެރިޓައިމް ސިލްކުރޫޓު މަޝްރޫއާ ބެހޭގޮތުްނ މަޝްވަރާ ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ ރާއްޖެއަށް ޗާއިނާއާ އެކީގައި މިކުރަމުން ގެންދާ ތަރައްގީގެ މަސައްކަތްތަކުގައި. ޚާއްސަކޮށް އެއާޕޯޓާއި ހަމައެހެންމެ އަޅުގަނޑުމެންގެ ބްރިޖް ޕްރޮޖެކްޓުތަކުގައި ލޯން ކޮންޕޯނަންޓުތަކާ މި ހުރިހާކަމެއްގައި ވާހަކަދެއްކުމަށް،" އަދީބު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެދަތުރުފުޅުން ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް. ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގެ ޕްރޮޖެކްޓުތައް މިވަނީ ކޮންޕޯނަންޓުތައް ގާތްގަނޑަކަށް ހަމަޖެހި އޭގެ ލޯން ފައިނޭންސްއާ ހަމައަށް ގޮސްފައި. އަޅުގަނޑު ދެކޭގޮތުގައި މި ދަތުރަކީ ވަރަށް ގިނަ ކާމިޔާބީތަކެއް އިރާދަކުރެއްވިއްޔާ ރާއްޖެއަށް ހޯދައިދެވޭނެ،" އަދީބު ވިދާޅުވިއެވެ.

އެ ކޮންފަރެންސަށްފަހު އޮންނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންވެސްޓްމަންޓު ފޯރަމް ހުޅުވުމަށް ވެސް ހަމަޖެހިފައި ވަނީ ނައިބު ރައީސް އަދީބެވެ.