13 Oct 2015, 14:55
ސޫރިޔާގެ ވެރިރަށް ދިމިޝްގައި ހުންނަ ރަޝިޔާގެ އެމްބަސީއަށް ބަޔަކު ހަމަލާދީފި އެވެ.
ރަޝިޔާ ސަރުކާރުގެ ރިއާ ނޮވޮސްތީއާ ހަވާލާދީ ރަޝިޔާ ޓްޑޭ ނޫހުން މިއަދު ބުނީ ހަނގުރާމަވެރިންގެ ބަޔަކު ދިން މޯޓަރު ބަޑީގެ ހަމަލާތަކެއްގައި ފޮނުވައިލި އުންޑަތަކެއް އެންބަސީގެ ބޭރުގައި ގޮވި ކަމަށެވެ. ނަމަވެސް އެހަމަލާގައި ރަޝިޔާ އެމްބަސީގެ މީހަކަށް ގެއްލުމެއް ނުވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކަމަށް ބުނެ ރަޝިޔާއިން ސޫރިޔާ އަށް ބޮން އަޅަން ފެށި ފަހުން ހަނގުރާމަވެރިންގެ ހަމަލާތައް އެގައުމުގެ އެމްބަސީ އަށް އަމާޒުވި މިއީ ދެވަނަ ފަހަރެވެ.
ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ބެރެލް ބޮމުގެ ހަމަލާތައްދީ އާއްމުންގެ އެތައް ބަޔަކު މަރަމުން ގެންދާ އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދިފާއު ކުރުމަށް ރަޝިޔާ އިން ހަމަލާދޭން ފެށިތާ މިހާރު ގާތް ގަނޑަކަށް ދެހަފްތާ ވެއްޖެ އެވެ.
ރަޝިޔާގެ އެމްބަސީ ކައިރިއަށް މޯޓަރު ބަޑީގެ ހަމަލާތައް މިއަދު އެރީ ރަޝިޔާއަށް ތާއީދު ކުރާކަން ދެއްކުމުގެ ގޮތުން އަސަދުގެ ސަޕޯޓަރުން އެ އެމްބަސީ ކައިރިއަށް އެއްވެ އުޅެނިކޮށެވެ.