13 Oct 2015, 15:43
ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރު ހޯދާފައިވާ ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ 35، އަލީ އަޝްފާގް (ދަގަނޑޭ) ކުޅޭ މެލޭސިއާގެ ސުޕަލީގް ޓީމަކުން ފެނިގެން ހިނގައި ދާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސުވިޒަލޭންޑްގެ ބްލިކް ނޫހަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑީނިއޯގެ އެޖެންޓް ރޮބާޓޯ އަސިސް ބުނީ، ރޮނާލްޑޯއަށް ދުނިޔޭގެ އެތައް ކުލަބަކުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި އެހެންނަމަވެސް އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވަނީ ސުވިޒަލެންޑާއި މެލޭޝިއާ އިން ކަމަށެވެ.
ބްރެޒިލްއާ އެކީ ވޯލްޑް ކަޕް ތަށި އުފުލާލައިފައިވާ ރޮނާލްޑީނިއޯ މިވަގުތު ހުރީ އޭނާ ކުޅެމުން އަންނަ ބްރެޒިލްގެ ފުލުމިނެންސް އިން މިދިޔަ މަހުގެ ފަހުކޮޅު ރިލީޒް ހޯދައިގެންނެވެ. އެ ކްލަބަށް އޭނާ ނުވަ މެޗް ކުޅެދިން އިރު އެކަށީގެންވާ ކުޅުމެއް ވަނީ ދެއްކޭގޮތް ނުވެފައެވެ.
އަދި އެއާއެކު އޭނާ ރިޓަޔާ ކުރަން އުޅޭ ހަބަރުތައް ވަނީ މީޑިއާގައި ފެތުރިފައެވެ. ނަމަވެސް އެ ހަބަރުތައް އަސިސް ވަނީ ދޮގުކޮށް ރޮނާލްޑީނިއޯ އެހެން ކުލަބަކަށް ބަދަލުވާން އުޅޭކަމަށް ބުނެފައެވެ.
"ރޮނާލްޑީނިއޯގެ ފަރާތުން އިތުރު ސަޕްރައިޒްތަކެއް ފެނިގެންދާނެ. އެހެން ކުޅުންތެރިންނަށް ވުރެ އޭނާއަށް ފުރުސަތު ބޮޑު ސަބަބަކީ ދުވަހަކު ވެސް ސީރިއަސް އިންޖަރީއެއް ވެފައި ނެތުން. އޭނާގެ އަދިވެސް ފެންވަރު އެބަހުރި،" އަސިސް ބުންޏެވެ.
މެލޭޝިއާ ސުޕަލީގް ކާމިޔާބް ކޮށްފައިވާ ޖޭޑީޓީ އެފްސީ އާއި ދެވަނަ ހޯދި ޕަހާންގް އެފްސީ އިން ވަނީ އަންނަ އަހަރުގެ ސީޒަން ފެށެންވާ އިރަށް ޓީމް ވަރުގަދު ކުރުމަށް މޮޅެތި ކުޅުންތެރިން ހޯދުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން މި ދެ ޓީމުން ވަނީ ރޮނާލްޑީނިއޯ އަށް ސައުގުވެރިކަން ފާޅުކޮށްފައެވެ.