13 Oct 2015, 14:47
އެއް ސިޔާސީ ޕާޓީއެއްގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ މުގައްރިރަށާއި ކޮމެޓީގެ ނައިބު މުގައްރިރުކަން ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
އެގޮތަށް ގަވާއިދު އިސްލާހުކުރީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެގޮތަށް ގަވާއިދު ބަދަލުކުރުމަށް 52 މެމްބަރުން މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި އިރު އެގޮތަށް ގަވާއިދު ބަދަލު ނުކުރުމަށް 12 މެމްބަރަކު ވޯޓު ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 120 ވަނަ މާއްދާ އަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްލާހު ހުށަހެޅުއްވީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޖުމުލައެއް އުނި ކުރުމަށެވެ. އެ ޖުމުލާގައި ބުނެފައި ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އަގުލައްބިއްޔަތުން އިންތިހާބުކުރާ މުގައްރިރާއި ނައިބު މުގައްރިރަކީ މަޖިލީހުގައި ހިމެނޭ އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެމްބަރުން ކަމުގައި ވެގެން ނުވާނެ ކަމަށެވެ.
ގަވާއިދުގެ 120 ވަނަ މާއްދާގައި ހިމެނޭ އެ ޖުމުލު އުނި ކުރުމުން ގަވާއިދުގައި މިހާރު ބުނެފައި ވަނީ ކޮންމެ ކޮމެޓީއެއްގައި ވެސް މުގައްރިރަކާއި ނައިބު މުގައްރިރެއް ހުންނަންވާނެ ކަމަށެވެ. އެ ދެ މީހުން އިންތިހާބު ކުރާނީ އެ ކޮމެޓީގައި ހިމެނޭ މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ. އަދި ކޮމެޓީގެ މުގައްރިރު ނެތް ހާލަތެއްގައި މުގައްރިރުގެ މަސްއޫލިއްޔަތު އަދާކުރާނީ ކޮމެޓީގެ ނައިބު މުގައްރިރު ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.