29 Mar 2011, 00:43
ޓްރިޕޮލީ : ޤައްޒާފީގެ ވެރިކަން ނިމުމަކަށް އަންނަމުންދާ ކަމަށާއި ހުޅަނގުގެ ވައިގެ ޙަމަލާތަކާއި ލީބިޔާގެ އިދިކޮޅު ފަރާތްތަކުގެ އެއްގަމު ޙަމަލާތަކުގެ ކުރިމަތީގައި ގައްޒާފީއަށް ދެން މާގިނަދުވަހު ހިފަހައްޓާ ނުލެވޭނެކަމަށް އޭނާގެ ވެރިކަމާ ގުޅުންބޮޑު އެމެރިކާގެ ވިޔަފާރިވެރިއެއްކަމަށްވާ ރޮޖާ ތަމްރާޒް ވިދާޅުވެއްޖެ އެވެ.
ތަމްރާޒް ވިދާޅުވީ ގައްޒާފީގެ ޓީމުންވެސް މިހާރު މިކަން ޤަބޫލުކުރާ ކަމުގައެވެ. އަދި ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކާއެކު އެއްބަސްވުމަކަށް އައުމަށް ގައްޒާފީގެ ޓީމް ބޭނުންވާ ކަމަށްވެސް ތަމްރާޒް ވިދާޅުވި އެވެ.
މީގެ ތިރީހަކަށް އަހަރުކުރީން ފެށިގެން ގައްޒާފީގެ ނިޒާމާއެކު ގާތްގުޅުންތަކެއް ބާއްވަމުން ގެންދަވާ ޢަރަބި ދަރިކޮޅުގެ އެމެރިކާގެ ވިޔަފާރިވެރިޔާ ތަމްރާޒް ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިން ވެރިރަށް ޓްރިޕޮލީ އަށް ވަދެގަތުމުގެ ކުރިން ގައްޒާފީއާއި އޭނާގެ އަރިސް މީހުންނާއި އޭނާގެ ޢާއިލާގެ މެންބަރުންގެ ފުރާނަ ސަލާމަތްކުރެވޭފަދަ ސުލްޙައިގެ އެއްބަސްވުމަކަށް ނުދެވިއްޖެނަމަ ބޮޑު ލޭއޮހޮރުވުމެއް ހިނގާފާނެކަމުގެ އިންޒާރު ތަމްރާޒް ދެއްވިއެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން މިހާރުދަނީ ގައްޒާފީގެ އުފަންރައްކަމަށްވާ ސިރްތު ހިފުމަށް މަސައްކަތް ކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އިއްޔެ ހަވީރުގެ ވަގުތެއްގައި އިދިކޮޅު ހނގުރާމަވެރިން ވަނީ ސިރްތު އަށް ވަދެފައެވެ. ނަމަވެސް އެރަށް އަދި އެއްކޮށް ހިފުނުކަން ކަށަވަރު ވެފައެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން ވޭތުވެދިޔަ ދެ ދުވަހުވަނީ ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ބޮޑު ހަތަރު ރަށެއް ހިފާފައެވެ.
ސިރްތު ހިފުމަށްފަހު އިދިކޮޅު ފަރާތްތަކުން ވެރިރަށް ޓްރިޕޮލީ ހިފުމަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށާއި އެޙަމަލާތަކާއެކު ހުޅަނގުގެ ވައިގެ ޙަމަލާތައް ގައްޒާފީގެ ރިޔާސީ އެކުވެންޏަށް އަމާޒުކުރާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ގައްޒާފީގެ ބާރުތަކުގެ މައްޗަށް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބެމުންދަނީ ހުޅަނގުގެ ބޮޑު ތިން ޤައުމު ގުޅިގެން ގައްޒާފީގެ ބާރުތަކަށް ދެމުންގެންދާ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ.
ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ގެ ނިޒާމް މާޔޫސީ ޙާލަތަކަށް ހިނގައްޖެ ކަމަށާއި ކުރިމަތިވެފައިވާ ފިއްތުންތަކުން ސަލާމަތްވާނެގޮތްތަކެއް އޮތްތޯ ބެލުމަށް ގައްޒާފީގެ އަރިސްފަރާތްތަކުން ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންވަނީ ވާހަކަ ދައްކަވާފައެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް