13 Oct 2015, 14:06
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް 16 ހެކި ދައުލަތުން މިއަދު ހުށަހަޅައިފި އެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މެއި 2015 ވަނަ ދުވަހު "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އިމްރާން ވާހަކަދައްކަވަމުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
ދައުލަތުން ކުރި ދައުވާ ސާބިތުކުރަން ދައުލަތުގެ ފަރާތުން ހުށަހެޅި 16 ހެކީގެ ތެރޭގައި މޭ އެއްވަނަ ދުވަހު އެއްވުމުގައި ސޯޝަލް ސެންޓަރާ ދިމާލު ބޮޑުތަކުރުފާނު މަގުގައި އިމްރާން ހުރެ ދެއްކި ވާހަކައިގެ ވީޑިއޯ އާއި އިމްރާން ތަހުގީގަށް ދީފައިވާ ބަޔާނުގެ އިތުން މުޒާހަރާކުރުމަށް ބުނެ އަދާލަތު ޕާޓީން ފުލުހުންނަށް ފޮނުވި ނޯޓިހާއި ގަވާއިދާ އެއްގޮތަށް މުޒާހަރާކުރަން އަންގައި ފުލުހުން އަދާލަތު ޕާޓީއަށް ފޮނުވ ސިޓީވެސް ހިމެނެ އެވެ. އޭގެ އިތުރުން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ރިޕޯޓުތަކާކާއި ސިއްރުހެކިންވެސް ހުށަހަޅާފަ އެވެ.
އިމްރާންގެ ފަރާތުން ދިފާއުގައި ހުށަހަޅާފައި ވަނީ އެންމެ ހެއްކެކެވެ. އެއީ އެކެއް މޭ ދުވަހު މުޒާހަރާ ފެށޫމުގެ ކުރިން އާޓިފިޝަލް ބީޗުގައި ހުރެ މުޒާހަރާގެ ބައިވެރިންނާ އިމްރާން ދެއްކި ވާހަކައިގެ ވީޑިއޯ އެވެ.
މިއަދު 10 ޖަހާއިރަށް ތާވަލު ކުރި ޝަރީއަތުގެ މަޖިލިސް ލަސްކުރުމަށް ފަހު ފަހުން ބާއްވާފައިވަނީ 1:00 ގަ އެވެ. ދައުވާއާ ބެހޭގޮތުން އިމްރާންގެ ފަރާތުން ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އިމްރާންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް އިމްރާން ދައްކާފައި ވަނީ ކޮންވާހަކައެއްކަން އެނގެން ނޯނަކަމަށެވެ. އަދި އެކަން ސާފުކޮށްދިނުމަށް އިމްރާނުގެ ވަކީލު ވަނީ އެދިފަ އެވެ.
ދައުލަތުގެ ވަކީލާ ފަޒްނާ އަހުމަދު ވިދާޅުވީ އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 1 މޭ ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ވާހަކަ ދައްކަމުން ފުލުހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމަށް ނުސީދާ ގޮތެއްގައި ގޮވާލާފައިވާތީ ކަމަށެވެ.
އެގޮތަށް ދެއްކި ވާހަކަތަކުގެ ތެރޭގައި ވެރިކަން ބަދަލުނުކޮށްފި ނަމަ ގައުމު ސަލާމަތް ނުވާނެކަމަށް ދޭހަވާގޮތަށް އިމްރާން ވާހަކަދައްކާފައިވާ ކަމަށްވެސް ވަކީލާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އެކު މަޝްވަރާގެ މޭޒުގައި އިށީނުން ކަމަށް ބުނެފައިވާއިރު އޭގެން ދޭހަވަނީ ރައީސް ޔާމީނަށް ބިރުދައްކައި އިންޒާރުދިނުން ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
އޭގެއިތުރުން ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ޑރ. އަފްރާޝީމްއަލީގެ މަރުގެ މައްސަަލައިގެ އަޑީގައި ތިބީ އަހުމަދު އަދީބާއި ހުސައިން ވަހީދުކަމަށް ބުނެ ވާހަކަދައްކާފައިވުމުން އެއްވެސް ހެއްކެނެތި މީހެއްގެ ބައެއްގެ މައްޗަށް ތުހުމަތުކޮށް ވާހަކަދެއްކުނީ ކަމަށްވެސް ދައުލަތުން ބުންޏެވެ.
މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ވާހަކަދައްކާ ނިންމުމަށް ފަހު އިސްލާމީ މަރުކަޒަށް ދިއުމަށް ގޮވާލުމަށް އިމްރާން ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ގާތު ބުނި ކަމަށާއި ނަމަވެސް އެ ސަރަހައްދަކީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދެއްކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ދައުލަތުން ހުށަހެޅި ހެކިތަކަކީ ދައުވާ ސާބިތުކުރުމަށް އެއްވެސް ބުރަދަނެއް ނެތް ހެކިތަކެއްކަން ފާހަގަކޮށް އިމްރާންގެ ވަކީލު ހުސްނު އްސުއޫދު ވިދާޅުވީ ސާބިތު ހެކި ނެތުމުން މައްސަލަ ނިންމާދިނުމަށް އެދޭ ކަމަށެވެ.
ގާޒީ އަބްދުލް ބާރީ ޔޫސުފް އިސް ގާޒީކަން ކުރެއްވި އެމައްސަލައިގެ ބެންޗުގައި ދެން ތިއްބެވީ ގާޒީ އަބްދުﷲ ނަޝީދު އާއި ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒު އެވެ.
އިމްރާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ޤާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ގާނޫނުގައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބައެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުން ނުވަތަ އެފަދަ މަޤުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ލިބޭފަދަ ކަމެއް ކުރަން އުޅުމަކީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ކަން ކަން ކަމަށެވެ.
މީހެއްގެ ފުރާނައަށް ގެއްލުން ނުލިބޭ ޓެރަރިޒަމްގެ އަމަލެއްކުރާ މީހާގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.