ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް ރާއްޖެެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފި އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 53 މެމްބަރުން ނެވެ. ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި ހިތްވަރުދިނުން ނުވަތަ އެފަދަ ކަމެއް ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަވަޅު އެޅުމަށް ގޮވާލުން ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށްޓަކައި ވަކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށެވެ. ހަމައެއާއެކު ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި އެކަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުވަތަ ގޮވާލުމަށް ތާއީދުކުރުމަކީ ނުވަތަ އެފަދަ ގޮވާލުމެއް އެންޑޯޒު ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ އެފަދަ ކުށެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކޮންމެ ފަރާތަކުން އެކަމެއް ކުރި ފަރާތުގެ މައްޗަށް މަދަނީ ދައުވާ ކުރެވިދާނެ ކަމަށެވެ.

ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލާ ފަރާތަކުން އެކަމުގައި ބައިވެރިވި މިންވަރަކަށް ބަލައި އެފަދަ ފަރާތެއް ދެ އަހަރާއި 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ނުވަތަ ގޭ ބަންދު ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އަދި އެފަދަ ފަރާތަކުން ބައިވެރިވި މިންވަރަކަށް ބަލައި އެ ފަރާތެއް ފަސް ލަައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން މަނާ ކުރާ ބިލުގައި ބުނެފައިވެ އެވެ.

ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުން މަނާ ކުރުމުގެ ބިލުގެ ސަބަބުން އެފަދަ ކުށެއް ކުރިކަން ސާބިތުވެއްޖެނަމަ އެފަދަ ފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލުކޮށް ދައުލަތުން އަރުވާފައިވާ ޝަރަފުތައް އަނބުރާ އަތުލުމުގެ ބާރު ދައުލަތަށް ލިބިގެންވެ އެވެ. އަދި އެފަދަ ފަރާތަކީ ދައުލަތުން އެއްވެސް އިނާޔަތެއް ދޭ ފަރާތެއް ކަމުގައިވާ ނަމަ އެ އިނާޔަތްތައް ވެސް ހުއްޓާލުމުގެ ބާރު ބިލުގެ ސަބަބުން ދައުލަތަށް ލިބިގެންދެ އެވެ.