ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުުހުންދީފި އެވެ.

އެ ހަތަރު ބޭފުޅުންނަށް ވެސް ރުހުން ލިބުނީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.

އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަކީ ގަލޮޅު އަތަ ޔޫސުފް މާނިޢު މުޙައްމަދާއި، އައްޑޫ ސިޓީ މީދޫ ހަސަންކާރީގެ މުޙައްމަދު ފަރުޙާދާއި، މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީ ގުލިސްތާނުގެ ޙައްސާނު ޙަމީދާއި، ތިލަދުންމަތި ދެކުނުބުރި ނެއްލައިދޫ ދިލްސާދު އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲ އެވެ.

މީގެކުރިން ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކުގެ ތެރޭގައި ފަސް ނަންފުޅެއް ހިމެނެ އެވެ. އެއީ އެ ހަތަރު ބޭފުޅުންގެ އިތުރުން މ. ހަވާއީ މަރްޔަމް ޒީނިޔާ އެވެ. ޒީނިޔާގެ ނަން އަނބުރާ ގެންދެވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ނަންފުޅު ގެންދެވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވަ އެވެ.

އެންއައިސީ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައި ވަނީ އެންއައިސީގެ މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ނޭޝަނަލް އިންޓަގްރިޓީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.