13 Oct 2015, 14:10
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވާފައިވާ އައިމިނަތު އީނާސް، އެ ކޮމިޝަންގެ ރައީސް ކަމަށް އަދި ނާއިބު ރައީސް ކަމަށް، ޝިފާގު މުފީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީނާސް އައްޔަންކުރެއްވުމަށް ފާސްކުރީ 62 މެމްބަރުންގެ ވޯޓުން ނެވެ. އަދި ޝިފާގު އައްޔަންކުރެއްވުމަށް ފާސްކުރީ 53 މެމްބަރުންގެ ވޯޓުން ނެވެ.
އެޗްއާރްސީއެމްގެ ގާނޫނުގެ އަށް ވަނަ މާއްދާއަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް ޢައްޔަންކުރާނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ހަމައެއާ އެކު ކޮމިޝަނުގެ ރައީސަކު ނުވަތަ ނާއިބު ރައީސަކު ޢައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް އީނާސާއި ޝިފާގު އައްޔަން ކުރައްވާފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ.