29 Mar 2011, 00:32
ކޮންމެ ޑޮލަރަކަށް ފުލުހަކު ބަހައްޓައިގެން ނަމަވެސް ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ވަންނަ ބޭރު ފައިސާ، ރާއްޖޭގައި ބެހެއްޓުމަށް އުސޫލްތަކެއް ގާއިމްކުރައްވާނެ ކަމަށާއި ސަރުކާރުން އެ އުސޫލުތައް ދަމަހައްޓާނެ ކަމަށެވެ.
"ރާއްޖޭގައި އެ ފައިސާ ބެހެއްޓުމައްޓަކާ ބޭނުންވާ އުސޫލްތަކާއި ހަމަތައް މި ސަރުކާރުން ދަމަހައްޓާނެ، މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެ ހަމަތައް ގާއިމް ކުރާނެ. އެއީ ކޮންމެ ޑޮލަރެއް ފަހާ ފުލުސް އޮފިސަރެއް ބަހައްޓާއިގެން ކުރަންޖެހުނު ކަމެއް ކަމުގައި ވިޔަސް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދަށް އައިސްފާއިވާ ބަދަލުތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން އައި މިންވަރު މިހާރު ދަށްކުރެވިފައިވާ ކަމަށާއި ތަކެތީގެ އަގު ދަށް ކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"ދައުލަތުގެ ކިތަންމެ މުއައްސަސާއެއްގެ އެއްބާރުލުން ހޯދަން އެބަޖެހޭ. ދިވެހިރާއްޖޭގައި ފައިސާއާ ބެހޭ މުއާމަލާތައް ރަގަނޅު ގޮތުގައި ހިނގަން އެބަޖެހޭ. މިރާއްޖޭގައި ބޭރު ފައިސާ ސާދާ ގޮތުގައި ރިވެތި ގޮތުގައި އަދި ގާނޫނީ ގޮތުގައި މުއާމަލާތް ކުރެވެމުން އެބަދާންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި މުދަލުގެ އަގު އުފުލެމުން ދިޔައީ 12 ޕަސެންޓްގައި ކަމަށާއި ނަމަވެސް އެ މިންވަރު ފަސް ފަސެންޓަށް މިހާރު ދަށް ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިގުތިސޯދީ މާހިރުންނާއި މާލީ މާހިރުންގެ ހިސާބުތަކުންގެ ދައްކަނީ މުޅި ރާއްޖެއަށް ބޭނުންވާ ވަރަށް ބޭރުފައިސާ ރާއްޖެއަށް ވަންނަ ކަމަށާއި ރާއްޖޭއަށް ވަންނަ ޑޮލަރު މަދު ނޫން ކަމަށެވެ.