14:30


ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރައްވާ ކަމަކާ ގުޅިގެން ފިޔަވަޅު އެޅޭ ގޮތަށް ހުށަހެޅި، ރައްޔިތުންގެ މަޖިލީހުގެ ސުލޫކުގެ ގަވާއިދުގެ ގަރާރަކީ މެންބަރުންގެ މަސައްކަތަށް ހުރަސްއެޅުމަށް ހުށަހަޅައިފައިވާ ގަރާރެއް ކަމަށް ވިދާޅުވެ، އެ ގަރާރު މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، މި ގަރާރު ހުށަހެޅުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މެންބަރުންގެ މައްޗަށް ނުހިންގޭ އެއްވެސް ކުށެއް ނެތްއިރު ދުވަސްދުއްވާލުމަށްޓަކައި، މިފަދަ އެއްޗެއް ހުށަހެޅި ބައެއްގެ މައްޗަށް ގިޔާމަތް ދުވަހުން ދައުވާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ގަރާރުން މެންބަރުންގެ ހައްގުތައް ނިގުޅައިގަނެވޭ ކަމަށް ވިދާޅުވެ، މި ގަރާރަށް ބަހުސްނުކޮށް ވޯޓަށް އަހައިގެން މަޖިލީހުގެ ތަޅުމުން ގަރާރު ބޭރުކުރުމަށް ވެސް ރިޔާޒު ގޮވައިލެއްވި އެވެ.


ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، މިއީ މެންބަރުންގެ ސުލޫކީ މިންގަނޑު ނެތިގެން ހުށަހަޅައިގެން އުޅޭ ގަރާރެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނު އަސާސީން ލިބިފައިވާ ވާޖިބުތައް މި ގަރާރުން ނިގުޅައިގަނެވޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި މަޖިލީހުގައި ހިނގާ ކަންތައްތަކަކީ، ސުލޫކީ މިންގަނޑެއް ނެތިގެން ހިނގާ ކަމެއް ނޫން ކަމަށާއި، އެ ކަންތައްތަކަކީ، ވެއްޓިފައިވާ ވެރިކަމަކުން ލިބުނު ލައްޒަތާއި ބާރުވެރިކަން ގެއްލި ދިއުމުން އަންނަ ރުޅީގައި އެކަކު އަނެކެއްގެ ގަޔަށް އަތްލެވެނީ ކަމަށާއި، މިފަދަ ގަވާއިދެއް ހަދައިގެން އެފަދަ ކަންކަން ހައްލުކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ވިދާޅުވީ މި ގަވާއިދަކީ މިހާރުން މިހާރަށް ވެސް ފާސްކުރަންޖެހޭ ގަރާރެއް ކަމަށެވެ. އަދި މަޖިލީހުގައި ތަޅުމުގައި ހިނގާ ކަންކަމާ މެދު ފިޔަވަޅު ނޭޅި މައްސަލަތައް އިތުރަށް ހޫނުވެ ބޮޑުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވިދާޅުވީ، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ގާނޫނު ހެދުމުގެ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާއިރު، އިސްލާމްދީނުގެ އަސްލަކާ ހިލާފް އެއްވެސް ކަމަކާމެދު މަޖިލީހުގައި ވާހަކަ ނުދެއްކޭނެ ކަމަށް ހަމަ އެމާއްދާގައި ހިމެނޭ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ވެސް އިސްލާމް ދީނުގެ އަސްލަކާ ހިލާފް ކަމެއް ނިންމައި އެފަދަ ގޮތަކަށް މެންބަރުން ވާހަކަ ދައްކަވާފައިވާތީ މިފަދަ ގަވާއިދަކުން ކަންކަން ހައްލުވާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ބައެއް މެންބަރުން ވިދާޅުވީ، މި ގަވާއިދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވާއިރު މަޖިލީހުގެ ރައީސަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކަށް ވާތީ އެއީ މައްސަލައެއް ކަމަށެވެ. އަދި ކޮމިޓީއަކަށް ފޮނުވައިގެން މި ގަވާއިދަށް ބަދަލު ގެނައުމަށް ވެސް ބައެއް މެންބަރުން އެދިވަޑައިގެންނެވި އެވެ.


މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، މި ގަރާރަކީ ގާނޫނު އަސާސީން ބާރުލިބިވަޑައިގެން ހުށަހެޅުއްވި ގަރާރެއް ކަމަށެވެ. އަދި މި ގަރާރުގައި ހުށަހެޅުއްވި ގަވާއިދާ ބެހޭގޮތުން ވެސް ނަޝީދު ވާހަކަ ދެއްކެވި އެވެ.


މި ގަވައިދުގައިވާ ގޮތުން، މެމްބަރުންގެ ސުލޫކީ މިންގަނޑަށް ބަލައި މަޖިލިހުގެ ޖަލްސާތަކުންނާއި ކޮމިޓީތަކުން ސަސްޕެންޑްކުރުމުގެ އިތުރުން ޖުރިމަނާކުރުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމުކަމުގެ މަގާމަށް ހަމަޖެއްސެވުމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހްމަދު މުހައްމަދުގެ ނަން ފާސްކުރަން ފެނޭތޯ މަޖިލީހަށް ހުށަހަޅައި ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެން އެ ނަން ވަނީ ފާސްކުރައްވައިފަ އެވެ.