ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގު ހިންގައި އެކަމުގެ އަޑީގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ބޮޑެތި އަދަބުތައް ދިނުމަށް ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ގޮވާލައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ފަދަ ކަންތައްތަކުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

އަޅުގަނޑު ހަމަ ދޭން ބޭނުންވާ މެސެޖަކީ އެގޮތަށް ސިޔާސީ ކުރުމުގެ ބަދަލުގައި އޭގެ އަޑިއަށް ވަޑައިގެން އަސްލު ފަރާތްތައް ޒިންމާދާރު ކުރުވައި އަދި ހަމައެހެންމެ އިންސާފުގެ ކުރިމައްޗަށް ގެނެސް ހަމަ ބޮޑެތި އަދަބުތައް ދިނުންއަހްމަދު އަދީބު

ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ އިސްވެރިޔަކަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިންނެވިކަމުގައި ވިޔަސް ރަނގަޅު ތަހުގީގެއް ކުރެވިދާނެ ކަމަށެވެ.

ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ރޭ ދެއްކެވި ވާހަކަފުޅުގައި ނާއިބު ރައީސް އުމަރު ނަސީރާ ގުޅޭ ގޮތުން އެމަނިކުފާނު އެއްޗެއް ވިދާޅުނުވާ ކަމަށް މިއަދު ވިދާޅުވި އެވެ. އަދި އެގޮތަށް ދެކެނީ މީޑިއާ އިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގު ދަނީ ރަނގަޅަށް ކަމަށާއި ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން އެ ހަތުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގުގައި ބޭރުގެ ފަރާތްތައް ބައިވެރިކުރުމަކީ އެކަމުގެ އެންމެ އަޑިއަށް ދިޔުމަށް ޓަކައި ކުރުން މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގައި ހިނގި ބޮޑެތި ކަންތައްތައް ސަލްޓަންޕާކް، ހަމައެހެންމެ ޑރ. އަފްރާޝީމް ކޭސް އަދި ހަމައެހެންމެ ހުރިހާ ކޭހެއްގައި ވެސް ބޭރު ފަރާތްތައް ބައިވެރިކުރުވުމަކީ އަޅުގަނޑު ދެކޭގޮތުގައި އޭގެ އެންމެ އަޑިއަށްދެވޭނެ ހަމަ މުހިންމު ކަމެއް،" އަދީބު ވިދާޅުވި އެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގުގައި ސިޔާސީ ނުފޫޒެއް އޮތްތޯ ދެންނެވުމުން އަދީބު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަން ރައީސް ޔާމީން އެކުލަވާލި ކޮމިޝަންގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާތަކުގައި ވަކިބޭފުޅެއްގެ ބޮލުގައި އެކަމުގެ ތުހުމަތު އަޅުވަމުންދާ ކަމަށް ވިދާޅުވެ އެކަމާ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީ ނުފޫޒެއް ކޮމިޝަންތަކުގައި އުޅެނީ ކަމަށް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވެސް ތިޔަބޭފުޅުންނަށް ވެސް ފެންނާނެ ދެއްތޯ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ އާއި ނޫސްވެރިން ލިޔާ ލިޔުންތަކުގައި،" އަދީބު ވިދާޅުވި އެވެ.