ސިޓީ ކައުންސިލްގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް 'އިންތިހާ' އަށް ކުޑަކުރުމަކީ ސިޓީ ކައުންސިލްތަކަށް ޖެއްސުންކުރުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެ ޕާޓީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކުރުން 'އެންމެ ހަރު އަޑުން ކުށްވެރިކުރާ' ކަމަށެވެ.

އަދި ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރާއި އަދި ކައުންސިލް މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރުމުން އެ މީހުންގެ މުސާރަ އިންތިޚާބަކާއިނުލާ އައްޔަންކޮށްފައިވާ ކޯޑިނޭޓަރުންނަށް ލިބޭ މުސާރައަށް ވުރެ ކުޑަ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

އަދި އެެއްވެސް މިންގަނޑަކަށް ނުފެތޭ ގޮތަށް ކައުންސިލް މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ ރައްޔިތުންނާ ގާތުން ހިދުމަތްދިނުމުގެ މުހިއްމުކަން ކުޑަކުރުމުގެ ގޮތުންނާއި ކައުންސިލްތަކުގެ މުހިއްމުކަން ކަނޑުވާލުމުގެ ގޮތުން ކަމަށް އެ ޕަޓީން ތުހުމުތުކުރެ އެވެ.

"ސަރުކާރުން ހިންގި ޖެއްސުމުގެ އަމަލަކަށް ވުމުގެ އިތުރުން، ގާނޫނު އަސާސީގައިވާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމުގެ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގި އަމަލެކެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އަދި ސިޓީ ކައުންސިލްތަކާއި އެ ނޫންވެސް ކައުންސިލްތަކުގެ ބާރު ސަރުކާރުން ތަކުރާރުކޮށް ނަގަމުންދާ ކަމަށާއި ކައުންސިލްތަކުގެ ބަޖެޓް ވެސް ތާށިކުރަމުންދާ ކަަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމާފައި ވަނީ މޭޔަރުންނަށް މިހާރު ދެމުން އަންނަ 30،000 ރުފިޔާގެ އަސާސީ މުސާރަ 15،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު މޭޔަރަކަށް ލިބޭ 15،000 ރުފިޔާ އިން 3،000 ރުފިޔާ އަށް ކުޑަ ކުރަން ވެސް ވަނީ ނިންމާފަ އެވެ.

ޑެޕިއުޓީ މޭޔަރުންގެ މުސާރަ ވަނީ 27،000 ރުފިޔާ އިން 12،000 ރުފިޔާ އަށް ކުޑަ ކުރަން ނިންމާފަ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި ޑެޕިއުޓީ މޭޔަރުންނަށް ދެމުން ގެންދާ 8،000 ރުފިޔާ ވަނީ 2،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ.

ސިޓީ ކައުންސިލްތަކުގެ މެމްބަރުން އަސާސީ މުސާރަ ކުޑަކޮށްފައި ވަނީ 19،000 ރުފިޔާ އިން 10،000 ރުފިޔާ އަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި މެމްބަރުންނަށް ލިބޭ 6،000 ރުފިޔާ ވަނީ 1،500 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.