ދައުލަތުގެ ބަޖެޓަށް ލުއި ގެނައުމުގެ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތައް އައުޓުސޯސް ކުރަން އެ އޮފީހުން ނިންމައިފި އެވެ.

މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ސަބު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، އައްޑު އަތޮޅުގައި ސަރަހައްދީ އޮފީހެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ އޮފީސް ހުޅުވާ ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ޒިޔަތު ވިދާޅުވީ، އެ އޮފީހުން ކުރާ 31 ކައުންސިލުގެ އޮޑިޓުގެ އިތުރަށް ބާކީ ހުރި 170 ކައުންސިލުތަކުގެ އޮޑިޓުގެ މަސައްކަތް އައުޓުސޯސް ކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އައުޓުސޯސް ކުރަންވެސް މި ނިންމާފައި ވަނީ ދިވެހި ކުންފުނިތަކަށް. އަޅުގަނޑުމެންގެ ޕުރޮފެޝަން ޑިވެލޮޕް ކުރުމަކީ ވެސް އޮޑިޓާ ޖެނެރަލްގެ ޒިންމާއެއް. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަށް މި އައީ ކައުންސިލުތަކުގެ އޮޑިޓް މަސައްކަތް ދިވެހި ކުންފުނިތަކަށް އައުޓުސޯސްކޮށްގެން އެކަން ކުރަން. އަޅުގަނޑުމެން ވާނީ މިކަމުގެ މަޝްވަރާ ވެސް ކޮންމެވެސް ވަރަކަށް ދިވެހި ކުންފުނިތަކާ ވެސް ކޮށްފައި. ދިވެހި ކުންފުނިތަކުން އެ މަސައްކަތް ކުރި ކަމުގައިވިއަސް އެކަމުގެ ފުރިހަމަ ޒިންމާ ނަގާނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، އެގޮތަށް އޮޑިޓު އޮފީހުގެ މަސައްކަތް އައުޓުސޯސްކުރުމުން ހުރިހާ ރަށެއްގެ އޮޑިޓުތައް ކޮންމެ އަހަރަކުވެސް ކުރެވެމުން އަންނާނެ ކަމަށެވެ. އޮޑިޓު އޮފީހުން އެކަންކަން ކުރަން މަސައްކަތް ކޮށްފި ނަމަ މާ ބޮޑަށް ވެސް ހަރަދު ބޮޑުވެ ބަޖެޓަށް ބުރަ ބޮޑުވެގެން ދާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ. އަދި ވިދާޅުވީ "ޕްރެކްޓިކަލީ" އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އައުޓުސޯސް ކުރުން ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންގެ ތަޖުރިބާ އަކީ ކައުންސިލުތަކުން މާލީ ބަޔާންތަކެއް ތައްޔާރެއް ނުކުރޭ. މި އަހަރު އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް. އެއީ ހުރިހާ އަތޮޅެއްގައި ހުރިހާ ރަށެއްގައި މާލީ ބަޔާން ތައްޔާރު ކުރާ ޓްރެއިނިން އެއް ހިންގަން. ފިނޭންސް މިނިސްޓްރީއާ އެލްޖީއޭ ގުޅިގެން. އަދި ދިވެހި ކުންފުނިތައް ވެސް ހިމަނައިގެން. އޭރުން ވާނެ ގޮތަކީ މިއަންނަ އަހަރަށް އިރާދަކުރެއްވިއްޔާ ހުރިހާ ކައުންސިލުތަކުން އަޅުގަނޑުމެން މި ބަލަނީ މާލީ ބަޔާން ތައްޔާރު ކުރާނެ ކަމަށް. އޭގެ އިތުރަށް އަޅުގަނޑުމެންނަށް އޮޑިޓު ކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަށް،" ޒިޔަތު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓު އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ މިދިޔަ އަހަރު މަޖިލީހުން އެ އޮފީހަށް ފާސްކޮށްދިން ބަޖެޓަށް ވުރެ 18 ޕަސެންޓު ބޮޑު ބަޖެޓެ ކެވެ. ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު އޮޑިޓް އޮފީހަށް ފާސްކޮށްދިނީ 46 މިލިއަން ރުފިޔާގެ ބަޖެޓެ ކެވެ. އެހެންނަމަވެސް އަންނަ އަހަރަށް ލަފާކޮށް އެ އޮފީހުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ 59 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓު ބޮޑުވެގެން ދިޔަ ގޮތް މާލިއްޔަތު ކޮމެޓީގެ މެމްބަރުންނާ ހިއްސާކުރަމުން ޒިޔަތު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު އެ އޮފީހުގެ މުވައްޒަފުން ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ވެސް އެބައި ވަނީ ކަނޑާލައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުއައްސަސާ އަކީ 80 ޕަސަންޓު ޕުރޮފެޝަނަލް މުވައްޒަފުން. އެބޭފުޅުން ކުރިއެރުވުމަށް އަޅުގަނޑުމެން އެބަޖެހޭ ހަރަދުތަކެއް ކުރަން. ސިކުނޑިތަކަށް އިންވެސްޓު ކުރަން އެބަޖެހޭ. އެކަން ކުރަންޖެހޭއިރުގައި އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ޓްރެއިނިން ފެސިލިޓީސް. މިހާތަނަށް އަޅުގަނޑުމެންނަށް ލިބެނީ ވަރަށް މަދު ދަތުރެއް. އެއީ ވެސް ކޮންމެވެސް ޖަމިއްޔާއެއްގެ ހެޔޮ އެދުމާއި އެކީ ލިބޭ ފުރުސަތުތަކެއް،" ޒިޔަތުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ، އިތުރަށް ބަޖެޓު ބޮޑުވެފައިވާ އަނެއް ސަބަބަކީ އެ އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބޭނުންވާ ފައިސާ ކަމަށެވެ. އެހެންނަމަވެސް އިތުރަށް މުވައްޒަފުން ނުނެގުމަށް ފިނޭންސުން މިހާރު އަންގާފައިވާ ކަމަށާއި އެހެންކަމުން އެކަން "މެނޭޖު" ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ހިމަނާފައި ވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށެވެ. އެއީ 36 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ލަފާކޮށްފައިވާ އޮޑިޓު އޮފީހުގެ އިދާރީ ހަރަދަށް 12 މިލިއަން ހަރަދުވެ އެވެ.