ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅުނު ފުރަތަމަ މެޗްގައި އަމިއްލަ ދަނޑުގައި ގަތަރު އަތުން ރާއްޖެ ބަލިވި މެޗަކީ ދިވެހި ފުޓްބޯޅައިގެ ފަހުގެ ތާރީޚްގައި ދިވެހިން ތަޖުރިބާ ކުރި ހިތް ދަތި ރެއެކެވެ.

ގަތަރަކީ ކޮލިފައިންގައި އޭޝިއާ ޒޯނުން އެންމެ ރަނގަޅު ނަތީޖާތައް ހޯދަމުން އަންނަ ޓީމެވެ. މީގެ އިތުރުން އެގައުމުގައި ފުޓްބޯޅަ ތަރައްޤީ ކުރުމަށް އެގައުމުގެ ސަރުކާރުން ހޭދަ ކުރާ ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކަކީ ފުޓްބޯޅައިގައި އެގައުމުގެ ހައިބަތު ދައްކުވައިދޭ ކަމެކެވެ.

ގަތަރު ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް އެއްވަރުކޮށްލުމަކީ ލިބޭނެ ކާމިޔާބެއްކަމަށް ދިވެހިން ގަބޫލުކުރެއެވެ. މުޅި މެޗް ޑިފެންސްކޮށްގެން ރާއްޖެއިން ކުޅުނީ އެހެންވެގެނެވެ.

މެޗްގެ ފުރަތަމަ ހާފުގައި ގަތަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ނަމަވެސް ދެ ވަނަ ހާފުގައި ގަތަރު ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލި ކަމެވެ. އެހެން ކަމުން ރާއްޖެ ފެނުނީ ޑިފެންސްކުރުމުގައި ގަތަރު މައްޗަށް ކާމިޔާބު ހޯދާފައިވާ ތަނެވެ.

އެމެޗްގައި ރާއްޖޭގެ ޑިފެންސް ވަރަށް އޯގަނައިޒުކަމަށް ގަތަރުގެ ކޯޗް އުރުގުއޭގެ ހޯސޭ ޑެނިއަލް ކެރޭނޯވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގޯލްކީޕަރު ޢިމްރާން މުޙައްމަދު ވަނީ ގަތަރުގެ ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި ހުނަރުވެރި މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗްގެ 90 މިނެޓްގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ބަދަލު ރެފްރީ ދެއްކި އަށް މިނެޓް ކުޅުން ހަމަވީއިރުވެސް ގަތަރަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

މެޗްގެ އިތުރު ވަގުތުގެގޮތުގައި ދެއްކި ކުޅުން ހަމަވެ މެޗްގައި ރެފްރީކަން ކުރި ޖަޕާނުގެ ޔުޑައި ޔަމަމޯޓޯ ވަނީ އިތުރަށް ކުޅުވާފައެވެ. ގަތަރުން ލަނޑު ޖެހީ އިތުރަށް ކުޅުނު ދެ މިނިޓްހަމަވެ ތިން ވަނަ މިނެޓަކަށް ގުނަންފެށި 13 ސިކުންތަށްފަހުގައެވެ.

މެޗަށް ފަހު ރާއްޖޭގެ އޭރުގެ ކޯޗް ވެލިޒާ ޕޮޕޯވް ބުނެފައިވަނީ މެޗް ކުޅުނީ ގަތަރު މޮޅުވަންދެން ކަމަށެވެ.

ގައުމީ ޓީމުގެ މެޗްތަކުގައި ފޯރިގަދަ ސަޕޯޓެއް ކުރާ ދިވެހިންގެ ފަރާތުންވެސް މެޗަށްފަހު ސޯޝަލް މީޑިއާގައި ދައުރު ވަމުން ދިޔައީވެސް ހަމަ އެވާހަކަ ތަކެވެ.

"ރެފްރީ ގަސްތުގައި ގަތަރު މޮޅުކޮށްދޭން ބޭނުންވި" ވާހަކައެވެ. "ގަތަރަށް ލިބުނީ ހައްގުނޫން މޮޅެއް" ކަމެވެ. މިއީ ސޯޝަލް މީޑިއާގައި ދިވެހި ސަޕޯޓަރުން ބަންޑުންކޮށްލާފައި ހުރި ޝުއޫރުތަކެވެ. ދިވެހި ޓީމަށްޓަކައެވެ.

ފުޓްބޯޅައިގައި ހިނިތުންވެލަން ދިވެހިން ބޭނުންވެފައި ތިއްބާ، ފަހު ވަގުތުގައި އެހެން ހާލަތެއްގައި ގަތަރުން ކަމިޔާބު ކުރި ލަނޑުން ރާއްޖެ ބަލިވުމުންނެވެ. މެޗަށްފަހު ރާއްޖޭގެ ކުޅުންތެރިންގެ މޫނު މަތިން ފެނިފައިވަނީ މާޔޫސްކަމެވެ. ސަޕޯޓަރުންގެ ހިތްތައް ވަނީ މަރުވެފައެވެ. ހުރިހާވެސް މައްސަލައަކީ ރެފްރީ އިތުރަށް މެޗް ދިގު ދަންމައިފައި އޭގެ ތެރެއިން ވަގުތެއްގައި ކާމިޔާބު ކުރި ލަނޑުން ދިވެހި ޓީމު ބަލިވުމެވެ.

އެރޭގެ ހިތްދަތި ބަލިވުމަށްފަހު ރާއްޖެ ދެން ކުރިމަތިލީ ހޮންކޮންގ މެޗަށެވެ. އެމެޗްގައި ރާއްޖެއަށް ކުރިމަތިވީ ވަކިން ކުޑަ ހިތްދަތިކަމެއް ނޫނެވެ.

ގަތަރު މެޗްގައި މޮޅު ކުޅުމެއް ދެއްކި ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ގޯލްކީޕަރު ޢިމްރާނަށް އިންޖަރީވެ ދަނޑުން ބާލަންޖެހުމެވެ. ޢިމްރާނަކީ ޓީމުގެ އެންމެ ނަގާ ކިޔާ ކުޅުންތެރިޔާއެވެ. އެހެން ކުޅުންތެރިންނަށް ހިތްވަރު ހޯދައިދޭ އިންސްޕަރޭޝަނަލް ލީޑަރެވެ.

ގަތަރުގެ މެޗްގެ ހިތްދަތިކަމާއި ގިނަ ދުވަސްތަކަށް ކީޕަރު ޢިމްރާން ކުޅުމާ ދުރަށްދާންޖެހި ޓީމުގައި ނެތުމުގެ ނުތަނަވަސްކަމާއެކު ދެ ވަނަ ލެގް މެޗްގައި މިރޭ ގަތަރާ ދެކޮޅަށް ރާއްޖެއިން ނިކުންނައިރު ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތް ހަމަޖެހުމަކީ ބޫޓާން އަތުން މޮޅުވެ ދިވެހިންނަށް ނޭވައެއް ލެވުމެވެ. މޮޅަކަށްފަހު ގަތަރު މެޗަށް ނިކުތުމެވެ.

އަދި ބޮޑެތި މެޗްތަކެއްގައި ކުޅެ ކޯޗްކޮށްދީފައިވާ ތަޖުރިބާކާރު ކޯޗް ރިކީ ހާބަޓްގެ ތަޖުރިބާ ކުޅުންތެރިންނާ ހިއްސާކުރަން ފުރުސަތު ލިބުމެވެ.