ޤާހިރާ : މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ހުސްނީ މުބާރަކާއި އޭނާގެ ޢައިލާ ގޭގައި ބަންދުކުރެވިފައިވާ ކަން މިސްރުގައި ވެރިކަންކުރާ ޢަސްކަރީ އެންމެ މަތީ މަޖިލީހުން ކަށަވަރުކޮށްދީފަިއެވެ.

މި މަޖިލީހުން ނެރުނު ބަޔާނެއް ބުނިގޮތުގައި މުބާރަކާއި އޭނާގެ ޢާއިލާވަނީ މިސްރު ސަރުކާރުގެ ބެލެމުގެ ދަށުން ގޭގައި ބަންދުކުރެވިފައެވެ. މުބާރަކާއި ޢާއިލާ ގޭބަންދުގައި ބޭތިއްބިފައިވަނީ މިސްރުގައި ކަން މިބަޔާން ކަށަވަރުކޮށްދިން ނަމަވެސް އެބޭފުޅުން ތިއްބެވިތަނެއް މިބަޔާނުގައި ހާމަކޮށްދީފައެއް ނުވެއެވެ.
މިސްރު ސަރުކާރުންވަނީ މުބާރަކާއި އޭނާގެ ޢައިލާގެ މުދަލާއި އެސެޓްތައް ހިފަހައްޓާފައެވެ. އަދި މިސްރުންވަނީ މުބާރަކާއި ޢާއިލާގެ މުދަލާއި އެސެޓްތައް ހިފެހެއްޓުމަށް ދުނިޔޭގެ އެތަށް ޤައުމަކަށް އިލްތިމާސްވެސް ކޮށްފައެވެ.

މުބާރަކާމެދު މިސްރުގެ ޢާންމުން މިހާރު ދެކެނީ ރައްޔިތުންގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކުރައްވައި ޤައުމަަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިވާ ޚުދުމުޚްތާރު ބޭފުޅެއްގެ ގޮތުގައެވެ. މުބާރަކާއި އޭނާގެ ޢާއިލާ އުޅުއްވާކަމަށްވަނީ މިސްރުގެ ރެސޯޓް ރަށެއްކަމަށްވާ ޝަރްމުއްޝައިޚް ގެ ހޮޓަލެއްގައެވެ.
ސިއްޙީ ފަރުވާއަކަށްޓަކައި އޭނާ ދާދިފަހުން ސައޫދީ އަރަބިޔާއަށް ވަޑައިގެންނެވި ކަމަށް ބުނެ މިސްރުގެ ނޫހަކުން ޚަބަރުތަކެއް ފަތުރާފައިވެއެވެ. ނަމަވެސް މިސްރުގެ ޢަސްކަރީ މަޖިލީހުގެ ބަޔާނުގައި މިކަން ދޮގުކޮށްފައިިވެއެވެ.

މުބާރަކް އުޅުއްވަނީ ޕެންކްރިޔަސް ކެންސަރުގެ އާލާސްކަންފުޅެއްގައި ކަމަށް ބުނާ ޚަބަރުތަކެއްވެސް މިސްރުގެ ނޫހަކުން ދާދިފަހުންވަނީ ފަތުރާފައެވެ. -- ބީބީސީ