13 Oct 2015, 13:03
ދުވަހު ނޫސް، ވަގުތުގެ ހިއްސާ ބިރުދަށްކައިގެން ބަޔަކު "ފޭރުނު" ކަމަށް ބުނާ މައްސަލައެއް ތަހުގީގް ކުރުމަށް ފުލުހުންނަށް ހުށައަޅައިފި އެވެ.
ވަގުތު ނޫހުގެ ވެރިޔާ މުޝައްރަފް ހަސަން ދީދީ މިއަދު ސަން އަށް ވިދާޅުވީ އޭނާ އަށް ބިރު ދަށްކައިގެން ވަގުތު ނޫހުގެ ހިއްސާ އަތުލުމާއި ވަގުތު ސައިޓުގެ ޑޮމެއިންގެ އިތުރުން ދިރާގާއި އުރީދޫގެ ހޮޓްލައިން ނަމްބަރު ވަގުތު ނޫހުން ލިޔެކިޔުންތަކެއް ހުށައަޅައިގެން ވެރިފަރާތުގެ ނަން ބަދަލުކުރިކަން ފުލުހުންނަށް ހުށައަޅާފައިވާނެ ކަމަށެވެ.
މުޝައްރަފް ވިދާޅުވީ އޭނާގެ އަތުން ވަގުތު ނޫސް އަތުލާފައި ވަނީ މާލޭގެ ގެއަކަށް ވައްދައި ފުރާނަ އަށް ގެއްލުން ދޭނެ ކަމަށް ބުނެ ބިރުދަށްކައިގެން އެއްބަސްވުމެއްގައި ސޮއިކުރުވައިގެން ކަމަށެވެ. އެކަން ކުރި ފަރާތްތަކުން އެކަން ކުރީ ބާރުގަދަ ފަރާތެއްގެ އަތެއް އޮވެގެން ކަމަށް ވެސް މުޝައްރަފް ވިދާޅުވި އެވެ.
ނަމަވެސް ވަގުތު އޮންލައިން ނޫހުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސަން އަށް ވިދާޅުވީ މުޝައްރަފަށް ބަޔަކު ބިރުދައްކައިގެން އޭނާގެ ހިއްސާ ބަދަލުކުރުވި ނަމަ އޭނާ އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހޭނީ އޭގެ ދޮޅު މަސް ދުވަސް ފަހުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ނޫހުގައި އޮތް އޭނާގެ ހިއްސާ ވިއްކާލުމަށް މުޝައްރަފު މަސައްކަތް ކުރެއްވި ކަމަކީ އެންމެން ދަންނަ ބޮޑު ހަގީގަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.