އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ކޯޓަށް ހާޒިރުކުރާތީ ޖަސްޓިސް ބިލްޑިން ކައިރިއަށް ގޮސްހުރި އާއްމުންގެ މީހަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި އަމުރަށް ނުކިޔަމެންތެރިވި 54 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ" ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޝެއިޚް އިމްރާންގެ ޝަރިއަށް ކުރިއަށްދަނިކޮށް، އަދާލަތު ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ އަހުމަދު (މާލިމީ އަލިބެ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ވަގުތުން ދޫކޮށްލުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.

އިމްރާން ހައްޔަރުކުރިތާ 162 ދުވަސް ފަހުން މިއަދު 10:30ގައި ބާއްވަން އޮތް ޝަރީއަތް ވަނީ މެންދުރު 12:30 އަށް ފަސްކޮށްފަ އެވެ. ޝަރީއަތް ފަސްކުރި ސަބަބެއް ނޭނގެ އެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން އިމްރާންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.