13 Oct 2015, 11:38
ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާ ޒޯންގެ ގުރޫޕް 'ސީ' ގައި މިރޭ ރާއްޖެއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގް މެޗަށް ގަތަރު ޓީމު އޮތީ ސަމާލުކަން ދީގެންކަމަށް އެޓީމުގެ ކޯޗް ހޯސޭ ޑެނިއަލް ކެރޭނޯ ބުނެފިއެވެ.
ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކެރޭނޯ ބުނީ ބޮޑު ޓީމެއްގެ އަތުން މޮޅުވުމަށްފަހު ޓީމުގެ ޕާފޯމަންސް ލެވަލް ދައްވުމަކީ އާންމު ކަމެއް ކަމަށާއި އެހުރިހާ ކަމަކާ މެދު އޭނާ ވިސްނާނެކަމަށެވެ.
އޭނާ އެ އިޝާރާތް ކުރީ މިދިޔަ ހަފުތާގައި ޗައިނާއާ ދެކޮޅަށް ގަތަރު މޮޅުވި މެޗަށެވެ. އެމެޗުން ގަތަރު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
"އާންމުކޮށް ބޮޑު ޓީމާކާ ދެކޮޅަށް ކުޅެ މޮޅުވުމަށްފަހު ކުޅުންތެރިންގެ ޕާފޯމަންސް ލެވަލް ދަށްވާނެ،" އުރުގުއޭއަށް ނިސްބަތްވާ ކެރޭނޯ ބުންޏެވެ.
ކެރޭނޯ ބުނީ އޭނާގެ ޓީމު އޮތީ ރާއްޖޭގެ މެޗަށް ސަމާލުކަން ދީގެން ކަމަށާއި މިމެޗުން ގަތަރު މޮޅުވުމަކީ ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ގަތަރާ ރާއްޖެ މާލޭގައި ކުޅުނު ފުރަތަމަ ލެގް މެޗުން ގަތަރު މޮޅުވީ މެޗްގެ އިތުރު ވަގުގެ ގޮތުގައި ދެއްކި އަށް މިނެޓްވެސް ހަމަވެ އިތުރަށް މިނެޓަކަށްވުރެ އިތުރަށް ކުޅުނު ފަހުން ކާމިޔާބު ކުރި ލަނޑުންނެވެ.
މިރޭ ގެ މެޗަށް ނުކުންނަ އިރު ގަތަރު އޮތީ ހަތަރު މެޗުންވެސް މޮޅުވެ ރެކޯޑަކާއެކު ގުރޫޕްގެ އެއް ވަނައިގައެވެ.
މިހާތަނަށް ކޮލިފައިންގެ އެއްވެސް މެޗަކުން ބަލިނުވެ އޭޝިއާ ޒޯންގައި އޮތީ ގަތަރުގެ އިތުން ސައުދީ ޢަރަބިއްޔާއާއި ދެކުނު ކޮރެއާއެވެ.
ރާއްޖެއާ ގަތަރު ބައްދަލު ކުރާ މެޗް ފެށޭނީ ރާއްޖޭ ގަޑިން މިރޭ 8:30 ގައެވެ.