28 Mar 2011, 23:52
ބޭހަށް އިންޑިޔާއަށް ދިޔަ ދިވެހި އަންހެނަކާއި ދަރިއަކު، އެމީހުން ގޮވައިގެން އެހީތެރިޔަކަށް ދިޔަ ބަންގްލްދޭޝް މީހާއަށް އިންޑިޔާއަށް އެތެރެ ނުވެވުމުން އެ ދެމައިން ހާލުގައިޖެހިފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
އިންޑިޔާގައި ހާލުގައި ޖެހުނު ދެ މައިންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ވިލިމާލޭ ހަފޮޅު، އަޙުމަދު ޢަބުދުލް ޢަޒީޒު ބުނީ އޭނާގެ އަންހެނުންނާއި ދަރިފުޅު އިންޑިޔާގައި މަގުމަތިވީ އެ މީހުންގެ އެހީތެރިއެއްގެ ގޮތުގައި ފޮނުވި ބަންގުލަދޭޝް މީހާއަށް މިއަދު އިންޑިޔާއަށް އެތެރެނުވެވުމުން ކަމަށެވެ.
"އަޅުގަނޑުގެ ދަރިފުޅު މިދިޔަ ހުކުރު ދުވަހު ސިޑިއަކުން ވެއްޓިގެން ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި. އަދި އަންހެނުން ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭތީ އިންޑިޔާއަށް ދިޔައީ. އެ ދެމައިންގެ އެހީތެރިއަކަށް ފޮނުވި ބަންގްލަދޭޝް މީހާއަށް އިންޑިޔާއަށް އެތެރެނުވެވުމުން އެމީހުން ވަނީ ހާލުގައި ޖެހިފައި،"އަޙުމަދު ބުންޏެވެ.
އޭނާ ބުނިގޮތުގައި އޭނާގެ މުވައްޒަފެއްގެ ގޮތު މަސައްކަތްކުރާ ބަންގްލަދޭޝް މީހާ އަންހެނުންނާއި ދަރިފުޅުގެ އެހީތެރިއެއްގެ ގޮތުގައި ފޮނުވީ އެކަމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު އެވެ.
"ބަންގުލަދޭޝްމީހާ ފޮނުވަން ވެގެން އަޅުގަނޑު އެންމެ ފުރަތަަމަ ދިޔައީ އިންޑިޔާ ހައިކޮމިޝަނަށް. އެތަނުން ބުނީ އޭނާއަށް ވިސާ ހޯދާކަށް ނުޖެހޭނޭ. އިންޑިޔާއަށް އެތެރެވުމަކަށް އެއްވެސް މައްސަލައެއް ދިމައެއް ނުވާނޭ،" އަޙުމަދު ބުންޏެވެ.
އަހުމަދު ބުނީ އެކުގައި ފޮނުވެން އޮތީ ބޭރު މީހެއްކަމަށް ވާތީ އެކަން އޮންނަ ގޮތް ރަނގަޅަށް އޮޅުން ފިލުވުމަށް އިންޑިޔާ ހައިކޮމިޝަންގެ އިތުރުން ބަންގުލަދޭޝްގެ ހައިކޮމިޝަނާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ވެސް މައުލޫމާތު ސާފުކުރި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެހީތެރިއަކަށް ދިޔަ ބިދޭސީ މީހާއަށް އިންޑިޔާއަށް އެތެރެނުވުމުން އިންޑިޔާގައި ހާލުގައި ޖެހުނު ދެ މީހުންނާ އިންޑިޔާގައި ދިރިއުޅޭ ދިވެހި އާއިލާއަކުން މިހާރުވަނީ ހަވާލުވެފަ އެވެ. އެ ދެމީހުންނާ އެކު އިންޑިޔާއަށް ފޮނުވި ބަނގްލަދޭޝްމީހާ އިންޑިޔާގެ އިމިގްރޭޝަނުން ހިފެހެއްޓި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.