އއ. އުކުޅަހު ކައުންސިލް އިދާރާގެ ދެ ތިޖޫރިފަޅާލައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އެކައުންސިލުން ބުނެފިއެވެ.

އުކުޅަހު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ފިރާގު މިއަދު ސަން އަށް ވިދާޅުވީ، ރޭ އެކައުންސިލް އިދާރާގެ ހުޅަނގުފަރާތުން ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ ކައުންސިލް އިދާރާގެ ދެ ތިޖޫރީ ފަޅާލައި ތިންލައްކަ ތިރީސްހާހަށް ވުރެ ގިނަ ރުފިޔާ ވަގަށްނަގާފައިވާ ކަމަށެވެ.

"ތިޖޫރީގެ ދޮރުފަތާއި ދޭތެރެއަށް އެއްޗެއް ޖަހާލައި މަތާލައިގެން ވަރަށް ބޮޑަށް ހަލާކުކޮށްލާފައި ހުރީ،" ފިރާގު ވިދާޅުވިއެވެ.

ތިޖޫރީ ފަޅާލައި ވަށްކަންކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކައުންސިލަށް ލިބިފައިވާ އާމްދަނީ އިއްޔެ ވާނީ ބެންކަށް ޖަމާކޮށްފައި ކަމަށާއި ތިޖޫރީގައި ހުރި ފައިސާއަކީ ބައެއް ބިލްތަކަށް ދެއްކުމަށް އިއްޔެ ނެގިފައިސާ ކަމަށެވެ.

ރެއަކީ އެރަށަށް ވަރަށް ވިއްސާރަ ރެއެއް ކަމަށާއި، އެ ކައުންސިލް އިދާރާގައި ސެކިއުރިޓީ ގާޑެއް ނުހުންނަ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.