13 Oct 2015, 10:57
ވޯލްޑް ކަޕް ކޮލިފައިން އޭޝިއާ ސަރަހައްދުގެ ގްރޫޕް 'ސީ'ގައި ރާއްޖެ ކުޅޭ ފަސް ވަނަ މެޗުގައި މިރޭ ރަށުން ބޭރުގައި ގަތަރާ ދެކޮޅަށް ނުކުންނައިރު، އެމެޗުން ހައިރާންކުރުވަނިވި ރަނގަޅު ނަތީޖާއެއް ނެރެވިދާނޭ ކަމަށް ގަބޫލުކުރާ ކަމަށް ގައުމީ ޓީމުގެ ކޯޗް ރިކީ ހާބަޓް ބުނެފި އެވެ.
ހާބަޓްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޫޓާނާ ވާދަކޮށް ރާއްޖެ ވަނީ 4-3ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެމެޗުގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހެޓްރިކެއް ހަދާފައި ވާއިރު، އަނެއް ލަނޑު ކާމިޔާބުކުރީ އަހްމަދު ނާޝިދު (ނައްޓޭ) އެވެ.
ގްރޫޕް ސްޓޭޖްގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 12 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތް ގަތަރާ ދެކޮޅަށް މިރޭ ގަތަރުގައި ކުޅޭ މެޗާ ބެހޭގޮތުން ރާއްޖޭ ޓީމުގެ ކޯޗު ބުނީ، ގަތަރަކީ ރާއްޖޭ ޓީމާ އަޅައިކިޔާއިރު ހުރިހާ ގޮތަކުން ވެސް ވަރުދަގަ ޓީމެއް ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައަކީ "ސަޕްރައިޒް"ތަކުން ފުރިގެންވާ ކުޅިވަރެއް ކަމަށެވެ.
"ގަތަރަކީ ވަރަށް ރަނގަޅު، ވަރުގަދަ ޓީމެއް. މިއީ ބޮޑު ޗެލެންޖެއް. އެހެނަސް އަހަރެން ދެކެނީ ރަނގަޅު ނަތީޖާއެއް ނެރެވޭނޭކަމަށް،" އެއްވެސް މެޗަކުން ބަލިނުވެ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ނިންމައިލި ނިއުޒީލޭންޑަށް އޭރު އިރުޝާދު ދިން ކޯޗު މިރޭގެ މެޗާ ބެހޭގޮތުން ރޭ ނޫންވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.
"ފުޓްބޯޅައިގައި ހައިރާންކުރުވަނިވި އެތައް ކަމެއް ހިމެނޭ. އެގޮތުން މާދަމާ [މިއަދު]ގެ މެޗުންވެސް އެފަދަ ކަމެއް ފެނިގެންދާނޭކަމަށް އުންމީދުކުރަނީ."
ނިއުޒީލޭންޑް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓީ ޕެރަގުއޭ، ސްލޮވާކިއާ އަދި އިޓަލީއާ ވާދަކޮށް ތިން މެޗުން އެއްވަރުވެ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައި އޮވެގެންނެވެ. އެފަހަރު ގްރޫޕް 'އީ'ގެ ފުލުގައި އޮތީ އިޓަލީއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ގަތަރާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު މާލޭގައި ކުޅުނު މެޗުގެ ތެރެއިން. -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ
މި އަހަރުގެ ޖޫން މަހު ރާއްޖެއާއި ގަތަރު މާލޭގައި ކުޅުނު ކޮލިފައިން މެޗު 1-0 އިން ގަތަރު ކާމިޔާބުކުރި އިރު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ގަތަރަށް ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ 8 މިނިޓް ހަމަވެ އިތުރަށް ކުޅުވި 2 މިނިޓް 13 ސިކުންތުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އެޓީމުގެ މުހައްމަދު މުހައްމަދު އަލް ސައީދު އެވެ.
ކޯޗު ހާބަޓް ބުނީ، ރާއްޖެއާއި ގަތަރު ކުޅުނު މެޗުގެ ވީޑިއޯ ބަލާފައިވާ ކަމަށާއި އެ މެޗުގައި ގަތަރަށް ގިނަ ލަނޑުތަކެއް ޖަހާނޭ ފުރުސަތުތަކެއް ލިބި ގެއްލިގެން ދިޔަކަން ފާހަގަކުރާ ކަމަށެވެ.
"ގަތަރު ޓީމަކީ ވަރުގަދަ ޓީމެއް. އަހަރެން އެޓީމަށް އިހްތިރާމްކުރަން،" މިއަދުގެ މެޗާބެހޭ ގޮތުން މީޑިއާއާ ވާހަކަދައްކަމުން ގައުމީ ޓީމުގެ ނިއުޒިލެންޑް ކޯޗު ބުންޏެވެ.
ބޫޓާނާ ދެކޮޅަށް މިދިޔަ ހަފްތާގައި ކުޅުނު މެޗުގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެންސްފައި ވާއިރު، މިއަދު ގަތަރާ ދެކޮޅަށް ވެސް ޒުވާން ކުޅުންތެރީންނަށް ފުރުސަތު ދިނުމަށް އިސްކަންދޭނޭ ކަމަށް ކޯޗު ބުންޏެވެ.
"ޒުވާން ބައެއް ކުޅުންތެރީންނަށް މި މެޗުގައިވެސް ފުރުސަތު ދޭނަން. އަހަރެން ބޭނުން ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ބަދަލުކޮށްލަން،" ކޯޗު ބުންޏެވެ.
އެހެން ކަމުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި މަހިބަދޫ ސްޕޯޓްސްގެ ކްލަބުގެ ޒުވާން ޑިފެންޑަރު ސަމޫހް ޢަލީ ފަދަ ކުޅުންތެރީންނަށް މިއަދު ގަތަރާ ދެކޮޅަށް ވެސް ފުރުސަތު ދިނުން ގާތްކަމަށް ބެލެވެއެވެ.
ރާއްޖެއާއި ގަތަރު ބައްދަލުކުރާ މެޗު ފަށާނީ، މިރޭ ރާއްޖޭ ގަޑިން 8:30ގައެވެ.
އެންމެ ފަހުން ރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ 11:
- މުޙައްމަދު ޢިމްރާން (ކުޑަ ޢިމްރާން)ގޯލް ކީޕަރު
- ޝާފިއު އަހްމަދު (ޝާފީ)
- މުޙައްމަދު ރަޝީދު (ހޮކޭ)
- ޢަހްމަދު ޢަބްދުﷲ (ލިލީ)
- އަޙްމަދު ނާޝީދު (ނައްޓޭ)
- މުޙައްމަދު ޢަރީފް (ބަކާ)
- ސަމޫހް ޢަލީ
- އަސްހަދު ޢަލީ (އަޑޭ)
- އަހްމަދު އިމާޒު (އާއްކޮ)
- އަސަދުﷲ ޢަބްދުﷲ (އަސައްކޮ)
- ޢަލީ އަޝްފާޤް(ދަގަނޑޭ) ކެޕްޓަން
މިއަދުގެ މެޗަށް ނުކުންނައިރު، ގްރޫޕް ސީގައި މިހާރު ކޮންމެ ޓީމެއްވެސް ވަނީ ޖުމުލަ ހަތަރު މެޗު ކުޅެފައެވެ. 12 ޕޮއިންޓާއެކު ގަތަރު އޮތީ ތާވަލްގެ އެއްވަނައިގައެވެ. ހޮންކޮންގާއި ޗައިނާއަށް ވެސް ހަތަރު މެޗު ކުޅެގެން ކޮންމެ ޓީމަކަށް ޖުމުލަ 7 ޕޮއިންޓް ލިބިފައި ވާއިރު، ލަނޑުގެ ތަފާތުން ގްރޫޕްގެ ދެވަނަ ލިބެނީ ހޮންކޮންގަށެވެ. ޗައިނާ އޮތީ ތިން ވަނައިގައެވެ. ތިން ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައިގައި ރާއްޖެ އޮތްއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ބޫޓާނެވެ.