ފަލަސްތީންގެ އަލް ޤުދުސް ޔުނިވަސިޓީގައި އަލަށް ހުޅުވާ އައިޓީ ސެންޓަރަކަށް އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ ހަދިޔާ ކުރެއްވި ހަތަރު ކޮމިއުނިކޭޝަން ސިސްޓަމް އިސްރާއީލުން ހިފަހައްޓައިފި އެވެ.

އިންޑިއާގެ އިންޑިއަން އެކްސްޕްރެސް ނޫހުން އިއްޔެ ބުނީ އިންޑިއާގެ ރައީސް އަންގާރަ ދުވަހު ހުޅުއްވައިދެއްވަން ހަމަޖެހިފައިވާ އައިޓީ ސެންޓަރަށް އޭނާ ފޮނުއްވި 30 ކޮމްޕިއުޓަރު ސިސްޓަމް އިސްރާއީލުން ދޫކުރި ކަމަށާއި އެހެން ނަމަވެސް ބެންގޫރިން އެއާޕޯޓުގައި ކޮމިއުނިކޭޝަން ސިސްޓަމްތައް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބުނީ އެ ކޮމިއުނިކޭޝަން ސިސްޓަމްތަކަކީ އައިޓީ ސެންޓަރަށް ވަރަށް މުހިއްމު ތަކެތި ކަމަށެވެ.

އިންޑިއާގައި ހުންނަ އިސްރާއީލް އެމްބަސީގެ ތަރުޖަމާނު އޮހާދު ހޮރްސާންދީއާ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ 30 ކޮމްޕިއުޓަރު ދޫކުރި އިރު ކޮމިއުނިކޭޝަން ސިސްޓަމްތައް ދޫ ނުކުރާނީ އިސްރާއީލުގެ ގަވައިދުތަކާ ހިލާފު ތަކެއްޗަށް އެތަކެތި ވާތީ ކަމަށް ދެކޭ ކަމަށެވެ.

އައިޓީ ސެންޓަރު ހުޅުއްވައިދެއްވުމަށް އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ މާދަމާ އަލް ޤުދުސް ޔުނިވަސިޓީއަށް ވަޑައިގެންނެވުމުން އޭނާއަށް އޮނަރަރީ ޑިގްރީއެއް އަރުވާނެ ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންޏެވެ.