ފުލުހުންގެ ހައްޔަރުގައި ކުރިމިނަލް ކޯޓަށް ހާޒިރުކުރި ކުށްވެރިއަކު ދުވެ ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

މަންޒަރު ދުށް މީހަކު މިއަދު ސަން އަށް ބުނީ މިއަދު 10:05ގައި އެ ކުށްވެރިޔާ ކޯޓަށް ހާޒިރު ކުރަން ޖިޕުން ބޭލުމާ އެކު ދުވެ ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. އޭނާގެ ފަހަތުން ފުލުހުން ދުވެ އޭނާ ހައްޔަރުކޮށްފައި ވަނީ ފިޔާތޮށިމަގުން ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ކޯޓަށް ހާޒިރު ކުރަނިކޮށް ފިލަން މަސައްކަތް ކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި-- ސަން ފޮޓޯ: އިސްމާއިލް އަފްރާހް

"ޖިޕުން ބޭލިތަނާ ޖަސްޓިސްކައިރީ މިއޮންނަ ކުޑަގޯޅިން [ފިޔާތޮށި މަގުން] ވަދެ ފިލަން އުޅުނީ. ދެން މިތާ އޭރު ވަރަށް ޕޮލިހުން ތިބި، އެމީހުން ގޮސް ހައްޔަރުކޮށްފި." މަންޒަރު ދުށްފަރާތުން ސަން އަށް ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓަށް ހާޒިރު ކުރަން އުޅެނިކޮށް ފިލަން މަސައްކަތް ކުރި މީހަކު އަތުލައިގަނެ ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.