ދުނިޔޭގައި މި ވަގުތު ތިބި އެންމެ މޮޅު ދެ ގޯލްކީޕަރުންނަކީ ޖަރުމަނުގެ މެނުއަލް ނޯޔާ އަދި ސްޕެއިންގެ ޑެވިޑް ޑެހެއާ ކަމަށް މެންޗެސްޓާ ޔުނައިޓަޑާ އެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ކުރީގެ މެންޔޫގެ ކޯޗް އެލެކްސް ފާގަސަން ބުނެފިއެވެ.

ފިލިޕީންސްގެ ކިކާރ ނޫހަށް ދިން އިންޓަވިއު އެއްގައި ފާގަސަން ބުނީ އެ ދެ ގޯލްކީޕަރުންނަކީ ރޮނާލްޑޯ އަދި މެސީއާ އެއް ފެންވަރުގެ މޮޅު ދެ ކުޅުންތެރީން ކަމަށެވެ. އަދި ބެލްޖިއަމްގެ ތިބައު ކޯޓުއާ އާއި އިޓަލީގެ ބައިނަލްއަގުވާމީ ތަރި ޖިއަންލުއިޖީ ބުފަން އަކީ ވެސް މޮޅު ދެ ކީޕަރުން ކަމަށެވެ.

"އެންމެން ވެސް ގަބޫލް ކުރޭ ރޮނާލްޑޯ އަދި މެސީ އަކީ ހުނަރުން ފުރިގެންވާ މޮޅު ދެ ފޯވާޑުންކަން. ކީޕަރުންގެ ތެރެއިން ނަމަ ނޮޔާ އަދި ޑެހެއާ އަކީ ރޮނާލްޑޯ އަދި މެސީއާ އެއް ފެންވަރެއްގައި އަޅާކިޔޭނެ ދެ ކީޕަރުން،" ފާގަސަން ބުންޏެވެ.

މެންޔޫގެ ކުރީގެ ކޯޗް ފާގަސަން، ޑެހެއާ އެ ޓީމަށް ގެނެސްފައި ވަނީ 2011 ވަނަ އަހަރު އެތްުލެޓިކޯ މެޑްރިޑް ގެ ކީޕަރެއް ގޮތުގައި ހުއްޓައެވެ. އަދި މި އަހަރު ޑެހެއާ ވަނީ އިތުރު ހަތަރު އަހަރަށް މެންޔޫގައި މަޑުކުރުމަށް އެއްބަސް ވެފައެވެ.

ބާޔާން މިއުނިކްގެ ގޯލް ކީޕްރު ނޯޔާ އަކީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓިކްސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން 2013 އަދި 2014 ވަނަ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ގޯލް ކީޕަރެވެ.

މެންޔޫގެ ކީޕަރު ޑެހެއާ އަކީ އިގިރޭސި ޕްރިމިއާ ލީގްގައި ނިމިދިޔަ ސީޒަނާއި މި ސީޒަނުގައިވެސް އެންމެ ގިނަ ޝޮޓް ދިފާއު ކޮށްފައިވާ ގޯލް ކީޕަރެވެ.