13 Oct 2015, 10:13
ހިފާފައިވާ ގުދްސު (އޮކްޓޯބަރ 13): ފަލަސްތީނުން އިސްރާއީލާ ދެކޮޅަށް ވަޅީގެ އިންތިފާޟާއެއް ފަށާފައިވާ ކަމަށް އެގައުމުގެ ހައްދު ފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވެއްޖެ އެވެ.
ހިފާފައިވާ ގުދްސުގައި ދެއްވި ބަޔާނެއްގައި ނަތަނިޔާހޫ ވިދާޅުވީ ފަލަސްތީނުގެ ވަކިވަކި ފަރުދުން އިސްރާއީލު މީހުންނާ ދެކޮޅަށްދޭ ވަޅީގެ ހަމަލާތައް ހައްދުން ނައްޓާފައިވާ ކަމަށާއި މިހާރު އިންތިފާޟާ އަކަށް މިކަން ބަދަލުވަމުންދާ ކަމުގަ އެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއްކަމަށް އިޝާރާތް ކުރައްވަމުން މިކަމަށް ސަމާލުވުމަށް ނަތަނިޔާހޫ އިސްރާއީލުގެ ރައްޔިތުންނަށް ގޮވާލެއްވި އެވެ.
އަނެއްކޮޅުން އިއްޔެ ހަވީރު އިސްރާއީލުންވަނީ ފަލަސްތީނުގެ އިތުރު ދެމީހަކު ޝަހީދު ކޮށްލާފަ އެވެ. މިދެމީހުން ޝަހީދުކޮށްލާފައި ވަނީ ގުދްސުގައި ކުރިޔަށް ދިޔަ ފަލަސްތީނު ރައްޔިތުންގެ މުޒާހަރާއަކަށް އިސްރައީލު ސިފައިން ބަޑިޖެހުމުގެ ސަބަބުންނެވެ. އޭގެ ކުރިން އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ މާބަނޑު އަންހެނަކާއި އޭނާގެ ތިން އަހަރުގެ ކުއްޖަކު ވެސް ޝަހީދުކޮށްލާފަ އެވެ. މި ދެމައިން ޝަހީދުކޮށްލުމާ ގުޅިގެން ފިރިމީހާ ވަނީ ޝޮކެއްޖެހި ހޮސްޕިޓަލްގައި އެނދުމަތިކޮށްފަ އެވެ. މި އޮކްޓޯބަރު މަސް ފެށުނު ފަހުން އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ އާންމުން ކުރަމުން ގެންދާ މުޒާހަރާތަކަށް އިސްރާއީލުން ޙަމަލާދީ ފަލަސްތީނުގެ 25 މީހުން ޝަހީދުކޮށްލައި އެތައް ސަތޭކަބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ. އަދި އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ އިޙްތިޖާޖްތަކުގައި ފަލަސްތީނުގެ ވަކިވަކި ފަރުދުން އިސްރާއީލު ސިފައިންގެ 17 މީހެއްގެ ގަޔަށް ވަޅިޖަހައި އެމީހުން ޒަޚަމްކޮށްލާފައިވެ އެވެ.
އިއްޔެ އާއި ރޭގައި ވެސް ފަލަސްތީނުގެ ރައްޔިތުން ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި އިސްރާއީލާ ދެކޮޅަށް މުޒާހަރާތައް ކޮށްފައިވެ އެވެ. ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ މިހާރު ކުރިޔަށްދަނީ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ފަށާ ތިން ވަނަ އިންތިފާޟާ ކަމަށާއި އިންތިފާޟާއިން ފަލަސްތީނުގެ މައްސަލަ ކޮޅެއްގައި ޖައްސާނެ ކަމުގެ އިންޒާރު އިސްރާއީލަށް ދީފަ އެވެ. ފަލަސްތީނުގެ މައްސަލައަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރު ހިފައި އެބިންތަކަށް ވެރިވެ ގަތުމުގެ ސަބަބުންނާއި އެބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ދިޔުމުގެ ސަބަބުން އުފެދިފައިވާ މައްސަލައެކެވެ. (އަލްޖަޒީރާ)