ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވާފައިވާ އައިމިނަތު އީނާސް، އެ ކޮމިޝަންގެ ރައީސަކަށް ކަމަށް އަދި ނާއިބު ރައީސް ކަމަށް، ޝިފާގު މުފީދު ހަމަޖެއްސުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އިއްޔެ ނިންމައިފި އެވެ.

އެގޮތަށް ކޮމެޓީން ނިންމީ އެވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.

އެ ދެބޭފުޅުން ހަމަޖެއްސުމަށް ކޮމެޓީން ނިންމީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ހަވަނަ މާއްދާގައި ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރެއްގެ ކިބައިގައި ހުރުން ލާޒިމު ސިފަތައް އެ ދެ ބޭފުޅުންގެ ކިބައިގައި ފުރިހަމަވާ ކަމަށް ބުނެއެވެ.

އެޗްއާރްސީއެމްގެ ގާނޫނުގެ އަށް ވަނަ މާއްދާއަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް ޢައްޔަންކުރާނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ހަމައެއާ އެކު ކޮމިޝަނުގެ ރައީސަކު ނުވަތަ ނާއިބު ރައީސަކު ޢައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް އީނާސާއި ޝިފާގު އައްޔަން ކުރައްވާފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ.