ސޯލް: ޖަޕާނަށް ކުރިމަތިވި ނިއުކްލިޔަރ މައްސަލަތަކާއެކުވެސް ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕްރޮގްރާމް ހުއްޓާނުލާނެކަން ދެކުނު ކޮރެޔާ ހާމަކޮށްފިއެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އިންޕޯޓްކުރާ ފަސްވަނަ ޤައުމުކަމަށްވާ ދެކުނު ކޮރެޔާގެ އިޤްތިސާދާބެހޭ ވަޒީރު އިއްޔެ ވިދާޅުވިގޮތުގައި ބިންހެލުމާއި ސުނާމީގެ ސަބަބުން ޖަޕާނުގެ ފުކުޝީމާ ޑައިޗީ އެކުވެނީގެ ރިއެކްޓަރތަކަށް ބޮޑެތި ގެއްލުންތަކެއްލިބި ރޭޑިއޭޝަން ބޭރުވެ އެކަމުގެ ނުރައްކާ ރައްޔިތުންނަށް ފޯރިނަމަވެސް ދެކުނު ކޮރެޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓާލުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމުގައެވެ.
ދެކުނު ކޮރެޔާއަކީ ދުނިޔޭގައި މިހާރު އެންމެ ބާރަށް ކުރިއަރަމުންއަންނަ އިމާރޖިން އެކޮނޮމީގެ ތަކުގެ ލިސްޓުގެ އެންމެ ކުރީގައިވާ ޤައުމެކެވެ. ތެލުގެ މުއްސަނދިކަން ނެތް، ނަމަވެސް ސިނާޢީ ބާރެއްގެ ގޮތުގައި ފާޅުވަމުންދާ ދެކުނު ކޮރެޔާއަށް ބޭނުންވާ ހަކަތައިގެ 31.4 ޕަސެންޓް އުފައްދަނީ ނިއުކްލިޔަރ ހަކަތައިންނެވެ.

ދެކުނު ކޮރެޔާ ގައި ނިއުކްލިޔަރ 28 ރިއެކްޓަރ އެބަހުއްޓެވެ. އަދި އެޤައުމުން މިހާރުވެސް ގެންދަނީ މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމަށްޓަކައި ނިއުކްލިޔަރ އިތުރު 6 ރިއެކްޓަރ ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޖަޕާނަށް ކުރިމަތިވި ނިއުކްލިޔަރ ލީކުވުންތަކުގެ ސަބަބުން ބައެއް ޤައުމުތައްވަނީ ނިއުކްލިޔަރ ރިއެކްޓަރތަކުގެ ސަލާމަތާމެދުގައާއި ނިއުކްލިޔަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދާފައެވެ. މިގޮތުން ޖަރުމަނުގެ ބައެއް ފަރާތްތަކުންވެސްވަނީ ހަކަތަ އުފެއްދުމުގައި ނިއުކްލިޔަރ ޓެކްނޮލޮޖީގެ ބޭނުންކުރުން ހުއްޓާލުމަށް އެޤައުމުގެ ސަރުކާރަށް ބާރުއަޅާފައެވެ.
ވެނެޒުއެލާއިންވެސްވަނީ ޖަޕާނަށް ކުރިމަތިވި ނިއުކްލިޔަރ މައްސަލަތަކުގެ ސަބަބުން، އެޤައުމުން ރާވާފައިވާ ނިއުކްލިޔަރ ހަކަތައިގެ މަޝްރޫޢު ކުރިޔަށް ގެންދިޔުން މިވަގުތު ހުއްޓާލާފައެވެ.

ޖަޕާނުގެ ފުކުޝީމާ އެކުވެނީ ގެ ރިއެކްޓަރތަކަށް ކުރިމަތިވި މައްސަލަތައް ޙައްލުކުރެވޭނެ މުއްދަތެއް ކަނޑައަޅަން އަދި ނޭންގޭ ކަމަށް އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީންވަނީ ހާމަކޮށްފައެވެ. -- އަލްޖަޒީރާ