12 Oct 2015, 22:51
(8 އޮކްޓޯބަރު ދުވަހުގެ ބަޔާ ގުޅޭ)
ކައުސާހިބާ صلّى الله عليه وسلّم ، أمّ المؤمنين السّيدة خديجة رضى الله عنها ގެ ވިޔަފާރިމުދަލާއިގެން އެންމެ ފުރަތަމަ ދަތުރުކުރެއްވީ ޝާމްކަރަޔަށެވެ. އިތުރު ސާހިބާ އެދަތުރުފުޅުގައި މައްކާއިން ނުކުމެވަޑައިގަތީ 16 ޛުލްޙައްޖާ 25 ޢާމުލްފީލުގައެވެ. خديجة ގެފާނުގެ އަޅު ميسرة އެދަތުރުގައި ބައިވެރިވިއެވެ. ކައު ސާހިބާގެ ފަރާތްޕުޅުން އެދަތުރުފުޅުގައި ފެންނަމުންދިޔަ ރީތި ޚުލުޤުފުޅުގެ ސަބަބުން ميسرة ގެ ހިތުގައި ކައު ސާހިބާގެ މާތްކަމާއި މަތިވެރިކަމުގެ ބިންވަޅު ނެގެމުންދިޔައެވެ.
ކައުސާހިބާއަށް އެދަތުރުފުޅުންވަރަށް މަތިވެރި ކާމިޔާބުތަކެއް ޙާޞިލްވެވަޑައިގެންނެވިއެވެ. ވަރަށް ބޮޑު މަންފާއެއް ލިބިވަޑައިގެންނެވިއެވެ. ދަތުރުފުޅު ނިންމަވައިފައި އެނބުރި މައްކާއަށް ވަޑައިގަތީ އެއްދުވަހެއްގެ މެންދުރު ވަގުތުގައެވެ. އެވަގުތު السّيدة خديجة رضى الله عنها އިންނެވީ އެކަމަނާގެ ގަނޑުވަރުގެ ބެލްކަނީގައެވެ. އެކުވެރި ސިއްރުވެރިއެއް ކަމުގައިވާ السَّيدةنفيسة އަރިހުގައި އިންނެވިއެވެ. ކައުސާހިބާ ސަވާރުވެވަޑައިގެން އިންނެވި ޖަމަލު އެގަނޑުވަރާ ކައިރިއަށް އައުމާއެކު خديجة رضى الله عنها ތިރިއަށް ފައިބައިވަޑައިގެން އިތުރުސާހިބާއާ އިސްތިޤްބާލު ކުރެއްވިއެވެ.
ކައުސާހިބާ صلّى الله عليه وسلّم އެކަލޭގެފާނުގެ ބަލާޣާތްތެރި ފަސޭހަދޫފުޅުން ދަތުރުފުޅުގެ ފުރިހަމަ ރިޕޯޓެއް އެކަމަނާގެ އަރިހަށް ހުށަހެޅުއްވިއެވެ. ދަތުރުފުޅުގެ އެންމެހައި ކަންތައްތަކާމެދު އެކަމަނާ ހިތްޕުޅު ހަމަޖެހިވަޑައިގަތުމުގެ އިތުރަށް އެޠާޙިރު ހިތްޕުޅުގައި އިތުރު ސާހިބާއާމެދު މަތިވެރި ޤަދަރެއް އުފެދޭގޮތްވިއެވެ. السّيدة خديجة އަށް އޭގެ ކުރިން ދުވަހަކުވެސް ވިޔަފާރި ދަތުރުކުރަން އެހައިބޮޑުމަންފާއެއް ލިބިވަޑައިގެންފައެއްނުވެއެވެ. އެހެންކަމުން އެކަމަނާވެސް ފައިދާގެ ތެރެއިން އިތުރު ސާހިބާއަށް އަރުއްވަން ވަޢުދުވެވަޑައިގެންނެވި ޢަދަދުގެ ދެގުނަ ދެއްވިއެވެ.
خديجة - أمّ المؤمنين
ދަތުރުފުޅަށްފަހުވެސް ކައުސާހިބާ صلّى الله عليه وسلّم އާއި أمّ المؤمنين السّيدة خديجة رضى الله عنها އާދެބޭފުޅުންގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ދެމިއޮތެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާމެދު އެކަމަނާގެ ހިތްޕުޅުގައި އިސްތިޙްސާނާއި ތާރީފުގެ އަސަރުތައް އުފެދޭންފެށިއެވެ. خديجة ގެފާނަށް އިހުސާސްވެވަޑައިގަންނަވަމުންދިޔައީ ޤުރައިޝުންގެ އެކިއެކިބޮޑުންނަށް އެބައިމީހުންގެ މުއްސަނދިކަމާއި، ވެރިކަމުގެބާރުންވެސް އެކަމަނާގެ ހިތްޕުޅަށް ނުފޯރުވުނު އަސަރުތަކެކެވެ. އެކަމަނާއަށް ޔަޤީންވެވަޑައިގަތީ ރީތި އަޚުލާޤާއި ޠާޙިރު އުޅުއްވުމަށް އެކަމަނާގެ ހިތްޕުޅު ފިދާވާން ފަށައިފިކަމެވެ. މަތިވެރި އިންސާނީވަންތަކަމުގެ ކުރިމަތީގައި އެކަމަނާއަށް އިސްދަށަށް ޖެއްސެވެން ފަށައިފިކަމެވެ. ކުރިންވެސް ދެންނެވިފަދައިން أمّ المؤمنين އަކީ އޭގެކުރިން މައްކާގެ އެތަކެއްބޮޑުން އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެން ހުށަހެޅުއްވުމުން އެހުށަހެޅުންވުންތައް ޤަބޫލު ނުކުރައްވައި އިންނެވި ބޭކަނބަލެކެވެ.ނަމަވެސް އެކަމަނާ އަމިއްލަފުޅަށް އިތުރު ސާހިބާގެ އަރިހަށް ކާވެނިފުޅުގެ ރަޖާފޮނުއްވުމަށް އެކަމަނާގެ ހިތްޕުޅު އެކަމަނާގެ އަރިހުގައި ދަންނަވަން ފެށިއެވެ.
އެދުވަސްވަރު السّيدة خديجة رضى الله عنها އަށް ވަރަށް ޚާއްސަ ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެހުވަފެންފުޅުގައި ފެނިވަޑައިގަތީ އެކަމަނާގެ ގަނޑުވަރުގެ ގޯތިތެރެއަށް އިރުއައިސްތިރިވީތީއެވެ. އިރުގެ ދޯދިތަކުން އެކަމަނާގެ ގަނޑުވަރާއި ގަނޑުވަރުގެ ގޯތިތެރެ ވިދައި ބަބުޅައިގަތީތީއެވެ. خديجة ގެފާނު އެކަމަނާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ورقة ގެ އަރިހުން އެހުވަފެންފުޅުގެ ތައުބީރު އޮޅުން ފިލުއްވިއެވެ. ورقة ހިނިފުޅުވަޑުވައިފައި ވިދާޅުވިއެވެ. ކަމަނާގެ ގޯތިތެރެއަށް ތިރިވީތީ ތިޔަ ފެނިވަޑައިގެންނެވި އިރަކީ ފަހުޒަމާނުގެ ނަބިއްޔާގެ ނުބުއްވަތުގެ އިރެވެ. ކަމަނާއަށް އެއިރުގެ އަލިކަމުގެ ނަސީބު ލިބިވަޑައިގަންނަވާނެއެވެ. މިހުވަފެންފުޅާ ވިދިގެން އެކަމަނާ ކައުސާހިބާ އާމެދު ބަހައްޓަވާ ޝައުޤުވެރިކަން ވަކީން އިތުރުވިއެވެ.
أمّ المؤمنين އަކީ އެކަމަނާގެ ހުރިހާކަމެއްވެސް ނުހަނު އަބުރުވެރިކަމާއެކު ރީތިގޮތުގައި ކުރައްވަމުން ގެންދަވާ ބޭފުޅޭކެވެ. އެހެންކަމުން އިތުރުސާހިބާގެ އަރިހަށް އެކަމަނާގެ އެދިވަޑައިގަތުން ގެންގޮސްދެއްވުމާ ހަވާލުކުރެއްވީ އެކަމަނާގެ ގާތްއެކުވެރިއެއްކަމުގައިވާ السيدة نفيسة އާއެވެ. ރަނގަޅު ވަގުތެއްގައި އެކަށީގެންވާ އަދަބުވެރިކަމާއެކު ކައުސާހިބާގެ އަރިހަށް އެމައްސަލަ ހުށަހެޅުއްވުމަށް نفيسة ގެ އަރިހުގައި ވިދާޅުވިއެވެ. ކައުސާހިބާ صلّى الله عليه وسلّم އާ ބައްދަލުކުރައްވައި نفيسة ވިދާޅުވިއެވެ. ކަލޭގެފާނުގެ އަމިއްލަފުޅު ކަމަކާމެދު ސުވާލެއް ދަންނަވައިލުމުގެ އިޒުނަދެއްވާނުތޯއެވެ. އިތުރު ސާހިބާ ހުއްދަދެއްވުމުން نفيسة ވިދާޅުވިއެވެ. ކަލޭގެފާނު އަދިވެސް މީހަކާ ކާވެނި ބައްލަވާކަށެއްނުވޭތޯއެވެ. އިތުރުސާހިބާ ވިދާޅުވިއެވެ. ތިޔަފަދަކަމެއްކުރެވޭފަދަ ތަނަވަސްކަމެއް އަހުރެންގެ ކިބަޔަކުނެތެވެ. نفيسة ވިދާޅުވިއެވެ. ތަނަވަސްކަންހުރި، ރީތި، ޢިއްފަތްތެރި ބޭފުޅަކު އެކަމަށް އެދިވަޑައިގެންފިނަމަ ވިދާޅުވާނީކީކޭތޯއެވެ. އިތުރު ސާހިބާ އެއީ ކޮންބޭފުޅެއްތޯ ސުވާލުކުރެއްވުމުން އެއީ خديجة ގެފާނު ކަމުގައި نفيسة ވިދާޅުވިއެވެ. އިތުރު ސާހިބާ އެކަން ޤަބޫލުކުރެއްވިއެވެ. އެވާހަކަ خديجة ގެފާނު އަރިހުގައި نفيسة ވިދާޅުވިއެވެ.
ކައުސާހިބާ صلّى الله عليه وسلّم އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު أبوطالب ގެފާނު އަރިހަށް އެވާހަކަ ހުށަހެޅުއްވިއެވެ. ކައުސާހިބާއާ ދާދިއެއްއުމުރުފުޅެއްގެ ބޮޑުބޭބޭފުޅެއްކަމުގައިވާ حمزة ގެފާނު މެދުވެރިކުރައްވައެވެ. أبوطالب ގެފާނު އެކަންޤަބޫލުކުރައްވައި އެބަރަކާތްތެރި ކާވެނިފުޅުގެ ކަންތައް ކުރިއަށް ގެންދެވިއެވެ.
أمّ المؤمنين ގެބައްޕާފުޅު އަވަހާރަވެފައިވުމާއެކު أبوطالب ގެ އެދިވަޑައިގަތުމަށް އެކާވެނިފުޅުގެ ކަންތައް އިންތިޒާމު ކުރައްވައި ކުރިއަށް ގެންދެވީ السّيدة خديجة رضى الله عنها ގެ ބޮޑުބޭބޭފުޅު عمرو بن أسد އެވެ. ކައުސާހިބާގެ ފަރާތްޕުޅުން أبوطالب ގެފާނާއި حمزة ގެފާނާއި ، ހާޝިމުވަންހައިގެ ކުރިއަށްތިއްބެވި ބޭފުޅުން خديجة ގެފާނުގެ ގަނޑުވަރަށްވަޑައިގެންނެވިއެވެ. ނުހަނުސާދާކަމާއިއެކު އެމާތްކާވެނިފުޅު ޢަޤްދު ކުރެވިއްޖެއެވެ. އެމާތް ކާވެނި ޢަޤްދުކޮށްދެއްވީ ބައެއް ރިވާޔަތްތަކުގައިވާގޮތުން عمروبن أسد އެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން خديجة ގެފާނުގެ ބޮޑުބޭބޭ نوفل ގެ ދަރިކަލުން ورقةبن نوفل އެވެ. ބާރަބައި އޫޤައްޔަތުގެ ރަނަށެވެ. ( ފައްސަތޭކަ ރިހިދިރުހަމަށެވެ. ) ކައުސަހިބާ صلّى الله عليه وسلّم ، خديجة ގެފާނާ ކާވެނި ބައްލަވައިގެންނެވީ މީލާދީން 596ގައެވެ. ޢާއްމު ރިވާޔަތްތަކުގައިވާގޮތުން އޭރު خديجة ގެފާނުގެ އުމުރުފުޅަކީ ސާޅީސް އަހަރުފުޅެވެ. އިތުރު ސާހިބާއަކީ ފަންސަވީސް އަހަރުފުޅުގެ ޒުވާން ބޭކަލެކެވެ. މިކާވެނިފުޅުގެ ބިންގަލަކީ މާތްކަމާއި ތެދުވެރިކަމެވެ. ޚުލުޤުރީތިކަމެވެ. ހެޔޮލަފާކަމެވެ. މުދާވެރިކަމާއި ޒުވާންކަމާއި ބުރުސޫރަ ރީތިކަމެއްނޫނެވެ.
އިތުރު ސާހިބާ صلّى الله عليه وسلّم ގެ ބޮޑުބޭފުޅު أبوطالب ގެފާނު އިތުރު ސާހިބާއާއި خديجة ގެފާނުގެ ކާވެނިފުޅުގެ ޙަފްލާގައި އެކާވެނިފުޅަށް އެދިވަޑއިގަންނަވަމުން ވިދާޅުވެފައިވެއެވެ.
"މާތްރަސްކަލާނގެ ކިބައަށް ހަމްދު ހުއްޓެވެ. އެކަލާނގެއީ إبراهيم ގެފާނުގެ ދަރިކޮޅުގެ މީހުންކަމުގައްޔާއި، إسمعيل ގެފާނުގެ ނަސްލުން އައިބައެއްކަމުގައްޔާއި معدّ ގެ ދަރިކޮޅުން އައިބޮޑުން ކަމުގައްޔާއި مضر ގެ ނަސްލުން އައި މާތްމީހުން ކަމުގައި އަހަރެމެން ލެއްވި ރަސްކަލާންގެއެވެ. އެކަލާނގެ ގެފުޅު ބަލަހައްޓާ މީހުންކަމުގައި އަހަރެމެން ލައްވައި މީސްތަކުންގެ މައްޗަށް ވެރިންކަމުގައި އަހަރެމެން ހަމަޖެއްސެވިއެވެ.
އަހުރެންގެ އެއްކިހުނުފަން عبدﷲ ގެފާނުގެ ދަރިކަލުން محمّدގެފާނަކީ އެހެން ކޮންމެ މީހަކާ އަޅައިބެލިކަމުގައިވިޔަސް މާތްކަމާއި، ބުއްދިވެރިކަމާއި، އިތުރުކަމާއި، ދީލަތިކަމުގައި ބުރަވެގެންވާ ބޭކަލެކެވެ. ޝައްކެތްނެތެވެ. މުދަލުގެ ފަރާތުން ބަލާއިރު މުދާމަދެވެ. މުދަލަކީ ފިލައި ހިނގައިދަނިވި ހިޔަންޏެއް ފަދަ އެއްޗެކެވެ މި محمّدގެފާނާ ތިޔަބައިމީހުންނާހުރި ގާތްތިމާގެ ކަމަކީ ވަންހަނާވެގެންވާ ކަމެއްނޫނެވެ. އެކަލޭގެފާނު خويلدގެ ދި خديجة ގެފާނުގެ ކާވެންޏަށް އައްސަވައި އެކަމަނާގެ ކާވެނީ ރަނަކަށް ފަސް ސަތޭކަ ދިރުހަމު ޤަރާރު ކުރައްވައިފިއެވެ. "
ހަމައެފަދައިން خديجة ގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ورقة بن نوفل އެކާވެނިފުޅު ޢަޤުދުކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ. "ކަލޭގެފާނު ތިޔަ ފާހަގަކުރެއްވި މާތްކަމުގައި އަހަރެމެންވެސް ޝާމިލުކުރެއްވި ކަލާނގެ ރަސްކަންފުޅަށް ހަމްދު ކުރަމެވެ. އެއްވެސް ބަޔަކު ތިޔަބޭކަލުންގެ އިތުރުކަމާމެދުގައި މުންކިރެއްނުވާނެއެވެ. މީސްތަކުންގެ ތެރެއިން ހަމައެކަކަށްވެސް ތިޔަބޭކަލުންގެ މާތްކަމާއި މޮޅުކަން ރައްދެއްނުކުރެވޭނެއެވެ. އެހެންވީއިރު ތިޔަބޭކަލުން އެދިވަޑައިގެންފިކަމެއް ރައްދުކުރާނީ ކާކުތޯއެވެ؟"
ورقة އޭނާގެ ވާހަކަފުޅު ނިންމައިލެއްވީ މިބަރަކާތްތެރި ކާވެނިފުޅު ޢަޤްދު ކޮށްދެއްވުންނެވެ. حديجة ގެފާނުގެ ބޮޑުބޭބެ عمرو بن أسد އެކަން ތަޞްދީޤު ކުރެއްވިއެވެ. (ނުނިމޭ)