ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރައީސްކަން ގެއްލޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މީހެއްގެ އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ މީހުންނަށް އެ މަގާމުގައި ނުތިބެވޭނެ ކަމަށެވެ. އޭނާ އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ އެ އާ ފައިހަމަ ކުރުމަށެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމް އިން ނިންމާފައި ވަނީ އެ އިސްލާހަށް ވޯޓު ނުދިނުމަށެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ދާދިފަހުން "ސަން" އަށް ވިދާޅުވީ އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން، ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭ އިސްލާހަށް ތާއީދު ނުކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިސްލާހު މަޖިލީހަށް ވެއްދިކަން އެނގިވަޑައިގެންނެވި ހިސާބުން އިސްލާހުގެ ސުކުރީން ޝޮޓެއް ނެގުމަށް ފަހު ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށާއި ރައީސް މައުމޫނަށް ފޮނުއްވާފައިވާ ކަމަށެވެ.

އަލީ އާޒިމް ހުށަހެޅުއްވި ގޮތަށް އެ އިސްލާހު ފާސްވެއްޖެ ނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސް ކަން ގެއްލޭނެ އެވެ. ރައީސް މައުމޫނުގެ އުމުރުފުޅަކީ 77 އެވެ.

ގާނޫނު އަސާސީއަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ އުމުރަކީ ވެސް 65 އަހަރު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.