ރިޔާސީ ލޯންޗޮކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގު ސިޔާސީ ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ގޮވާލައްވައިފި އެވެ.

ދިޓީވީ "ޚަބަރު ތެރެއިން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ ބައެއް ފަރާތްތަކުން ހުރިހާ ކަމެއް ދެކެނީ ސިޔާސީ ފުރުސަތުތަކެއްގެ ގޮތުގައި ކަަމަށެވެ. އަދި ވިދާޅުވީ ފޮޓޯ އެއް "ޖަހާލާފައި" އޭގެ ވަށައިގެން ތަހުގީގު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަަމަށެވެ. އަދި އެ ތަހުގީގު ވަކި ފަރާތަކަށް ނުޖެހި ކުރެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ތަހުގީގުގެ " ސީދާ އަޑިއަށް' ދާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އަމާޒުކޮށްގެން ތަހުގީގު ހިންގެވުމަކީ 'ފިޑި' އަދި 'މޮޔަ' ކަމެއް ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް މިރޭ ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ.

ލޯންޗުކޮޅު ހާދިސާ ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ލީޑު ކުރައްވާ އުމަރަށް އިޝާރާތްކޮށް އަދީބު ވިދާޅުވީ "ކޮމާންޑް ސެންޓަރޭ ކިޔައިގެން" ފެބްރުއަރީ ހަތެއްގައި ހާދިސާއިން ކްރެޑިޓް ނެންގެވުމަށް ބަޔަކު މަސައްކަތް ކުރި ކަމަށެވެ. އަދި ވިދާޅުވީ "ހަރުގަނޑޭ" ކިޔައިގެން ކޯޓުގައި "ބެދޭ ވަރަށް" ބައެއް ފަރާތްތަކުން އެއްޗެހި ބުނެފައިވާ ކަމަށެވެ.

"ބައެއް ސިޔާސީ ބޭފުޅުންނަކީ އެ ބޭފުޅުންނަށް ފެންނަނީ ހުރިހާ ކަމެއް ސިޔާސީ ކަންތައްތަކެއްގެ ގޮތުގައި ނުވަތަ ސިޔާސީ ގޮތުން ލިބޭ ފުރުސަތުތަކެއްގެ ގޮތުގައި. އެހެންވެ އަޅުގަނޑުމެންނަށް ފެންނަނީ އަބަދުވެސް މިސާލަކަށް ހަތެއް ފެބްރުއަރީ އަޔަސް ނުވަތަ އަނެއް ކަމެއް އަޔަސް އެ ބޭފުޅުން އޭގެ ކްރިޑެޓް ނަގާ ހިތުން ގޮސް ކޮމާންޑް ސެންޓަރުތައް ހަދާތަން، ހުދުވަލުގެ ވާހަކަ އާއި ހަރުގަނޑުގެ ވާހަކަ އާއި މި ހުރިހާ ކަމެއް ގޮސް އަމިއްލައަށް ބައެއް ފަހަރު އެ ބަހުރޭ ކޯޓްގައި ބެދިފައި" ހޯމް މިނިސްތަރަށް އިޝާރާތްކޮށް އަދީބު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ "އަޅުގަނޑާއި ރައީސް ޔާމީނާ ދެމެދަށް" ވަންނަން އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ.

ރާއްޖޭގައި ތިބި ސިޔާސީ ހުރިހާ ފަރާތްތަކުން ބޭނުންވަނީ އެމަނިކުފާނު ކަތިލަން ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުވެފައި މި އިނީ ކަތިލަން ތައްޔާރުކޮށްފަ އިންނަ ކުކުޅަކަށް،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ބަޔަކު މިހާރު މަސައްކަތް ކުރަނީ ރައީސާއި އެމަނިކުފާނާއި ދޭތެރޭ އަށް ވަންނަށް ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރަނީ ކޮން ބައެއް ކަމައް ނައިބު ރައީސް ވިދާޅެއް ނުވެއެވެ.

"ރައީސްގެ އިތުބާރު އަޅުގަނޑަށް އެބަ އޮތް އަދި އަޅުގަނޑުގެ އިތުބާރު ރައީސް އަށް އެބައޮތް،" އަދީބު ވިދާޅުވިއެވެ.

މި ސަރުކާރުން ޒުވާނުންނަށް ގެނެސްދޭ ކުރިއެރުންތައް އެއްވެސް ބަޔަކަށް ހަޖަމެއް ނުކުރެވޭ ކަމަށާއި އެމަނިކުފާނު ހަލާކުކޮށްލަށް މަސައްކަތް ކުރަނީ އެހެންވެގެން ކަމަށް ނައިބު ރައީސް ތުހުމަތު ކުރެއްވި އެވެ.

އަޅުގަނޑު ދުއްވާލެވިދާނެ

"އަޅުގަނޑު ދުއްވާލެވިދާނެ އަދި ރައީސް ޔާމިން ދުއްވާލެވިދާނެ" އެކަމަކު ބްރިޖް ފަދަ ތަރައްގީގެ މައްޝޫރުތައް 'ދުއްވާނުލެވޭނެ' ކަމަށް އަދީބު މިރޭ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ މުހިއްމު ބައްދަލުވުންތަކުން އަދީބު ނުފެންނަ ކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވުމުން އެމަނިކުފާނު ވިދާޅުވީ "ރައީސް ޔާމިންނާއި އޮންނަ ގުޅުމަށް ދުރު ކަމެއް އައި ކަމަށް އިހްސާސް ނުކުރެވޭ" ކަމަށެވެ. އަދި ސަރުކާރުގެ ކޮންމެ އިވެންޓަކީ ރައީސް ނުވަތަ ނައިބު ރައީސް އިންނަންޖެހޭ އިވެންޓެއް ނޫން ކަމަށެވެ. އަދި މިއަދު ވެސް ރައީސް ޔާމީނާއި ބައްދަލުކުރައްވާ ދޮޅު ގަޑިއެއްހާއިރު ހޭދަކުރެއްވި ކަމަށް އަދީބު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ފަރާތުން ޕީޖީ ގްރޫޕާއި 'ޑީލް' ކުރެއްވުމަށް ހުންނަވަނީ އަދީބު ކަމަށާއި ނަމަވެސް މިއަދު ބައްދަލުވުމަކީ ވަކި ބިލެއް ފާސްކުރެއްވުން ފަދަ ކަމަކަށް ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި އެއީ ރައީސް މައުލޫމާތުތަކެއް ހިއްސާ ކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމެއް ކަމަށް އަދީބު ވިދާޅުވިއެވެ.

"މިއަދު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑު އިންނާކަން ނުޖެހޭ،" އަދީބު ވިދާޅުވި އެވެ. އެފަދަ ކުދިކުދި ކަންތައްތައް ވެސް އަދީބާއި ދެކޮޅަށް ބޭނުންކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރައީސް އަބްދުﷲ ޔާމިނާއި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިނުގަންނަވަ އެވެ. އަދި މިއަދު ރައީސް ޔާމިން ޕީޕީއެމް، އެމްޑީއޭ އަދި ޖޭޕީގެ މަޖިލިސް މެމްބަރުންނާއި އެއްކޮށް މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިނުގަންނަވައެވެ.

އަދީބު ވިދާޅުވީ އަބަދު ވެސް މަސައްކަތް ކުރަނީ ރައީސް ޔާމީން ޕްރޮމޯޓްކުރަން ކަމަށާއި އަދި އަބަދުވެސް ހުންނަވާނީ ރައީސް ޔާމީން ފަހަތްޕުޅުގައި ކަމަށެވެ.

"ރައީސް ޔާމިނަށް ގޮންޖަހާލުމަށް އަޅުގަނޑެއް ނުދާނަން،" އަދީބު ވިދާޅުވިއެވެ.