އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އައު ދައުރުގެ ރައީސަކަމަށް ވެސް ކުރީގެ ވެސް ރައީސް، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހޮވައިފި އެވެ.

މިއަދު އެ ޕާޓީގެ އޮފީހުގައި އޮތް އިންތިހާބުގައި މޫސާ އަށް ލިބިވަޑައުގަތީ 16 ވޯޓެވެ. އޭނާއާ އެ އިންތިހާބުގައި ވާދަކުރެއްވި ބިލެއްދޫ ދާއިރާގެ އަހުމަދު ހަމްޒާ އަށް ލިބިވަޑައިގަތީ 14 ވޯޓެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސަކަށް ހޮވިވަޑައިގަތީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރެވެ. ސަމީރަށް 23 ވޯޓް ލިބިވަޑައިގަތް އިރު، އަސްލަމަށް ލިބިވަޑައިގަތީ 18 ވޯޓެވެ.

ދެ ނާއިބު ރައީސްގެ މަގާމަށް އެ ދެ ބޭފުޅުންނާ ވާދަ ކުރެއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 17 ވޯޓެވެ.

ތިން ވިޕުންނަށް އޮޓަމިޓިކްކޮށް ހޮވިވަޑައިގަތީ އެ މަގާމަށް ކުރިމަތި ލެއްވި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ އިލިޔާސް ލަބީބާއި ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒެވެ.

އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލަކަށް ހޮވިވަޑައިގަތީ ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލްޣަފޫރެވެ. އޭނާގެ ނާއިބަކަށް ހޮވިވަަޑައިގަތީ ތިނަދޫ ދާއިރާގެ މުހައްމަދު ގަސަމް އެވެ. ވާދަ ކުރުމެއް ނެތް އެ ދެ މަގާމަށް ކޮންމެ ބޭފުޅަކަށް ވެސް 30 ވޯޓް ލިބުނެވެ.

މިއަދުގެ ވޯޓުލުމުގައި މަހިބަދޫ ދާއިރާގެ ރުގިއްޔާ މުހައްމަދާއި ގައްދޫ ދާއިރާގެ ޒާހިރު އާދަމް ރަށުގައި ނޫޅުއްވާތީ ބައިވެރިއެއް ނުވެ އެވެ.