12 Oct 2015, 21:18
"އެ މީހުންނަށް" އޭނާ ހަލާކުކޮށްލެވިދާނެ ކަމަށާއި ނަމަވެސް އޭނާގެ މަސައްކަތްތަކެއް ހަލާކުކޮށްނުލެވޭނެ ކަމަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން 90 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ ވިދާލުވެއްޖެއެވެ.
ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޓް ކުރިއިރު، މިހާރު ބްލެޓާއަށް ފީފާ ރަމްޒު ކުރުމުގެ އެއްވެސް ހައްގެއް ލިބިގެނެއް ނުވެ އެވެ.
ބްލެޓާ އިޝާރާތް ކުރެއްވީ "އެ މީހުންނަކީ" ފީފާގެ އެތިކްސް ކޮމިޓީއެވެ.
ނުވަދިހަ ދުވަހު ސަސްޕެންޝަނާ ގުޅިގެން ސްވިޒަލޭންޑްގެ ދުވަހު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ބްލެޓާ ވިދާޅުވީ އޭނާ ސަސްޕެންޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެގޮތުން އޭނާގެ ސަސްޕެންޝަންގެ މައްސަލަ އެޕީލް ކޮމިޓީއަށް ހުށަހައްޅުވާފައިވާ ކަމަށެވެ.
އެޕީލް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގައި ބްލެޓާ އެދިފައި ވަނީ އެތިކްސް ކޮމޓީން ނިންމި ނިންމުން އަލުން މުރާ ޖާ ކުރުމަށެވެ.
އިސްތިއުނާފް މައްސަލަ އެޕީލް ކޮމިޓީއިން ކާމިޔާބު ނުވެއްޖެނަމަ ސްވިޒލޭންޑްގެ ލުސާންގައި ހުންނަ ކުޅިވަރުގެ އާބިޓްރޭޝަން ކޯޓަށް ހުށަހަޅުއްވައިގެން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްލެޓާގެ މައްޗަށް 90 ދުވަހުގެ ސަސްޕެންޝަނެއް އައިސްފައި ވަނީ ފީފާގެ އުސޫލުތަކާ ޚިލާފަށް ޔޫއެފްއާގެ ޕްރެޒިޑެންޓް މިޝޭލް ޕްލެޓްނީއަށް ފީފާއިން ދޭން ޖެހޭ ފައިސާތަކެއް ދީފައި ވާތީ އެވެ.
ބްލެޓާއަށް އައި ސަސްޕެންޝަނާ ގުޅިގެން ފީފާގެ ރައީސްކަމުގެ މަގާމު ވަގުތީ ގޮތުން ފުރައްވަމުން ގެންދަވަނީ ފީފާގެ އެންމެ ސީނިއާ ނައިބު ރައީސް އެފްރިކަން ނޭޝަން އޮފް ފުޓްބޯލް ގެ ރައީސް ކެމެރޫންގެ އިއްސަ ހައްޔަޓޫއެވެ.