12 Oct 2015, 18:18
ރިޔާސީ ލޯންޗުކޮޅަށް ހަމަލާ ދިނީ ކޮން ބައެއްކަން އެނގޭ ވަރަށް އަދި ހެކި ލިބިފައި ނުވާ ކަމަށް ޕީޕީއެމާއި އެމްޑީއޭގެ އިތުރުން ޖޭޕީގެ މަޖިލިސް މެމްބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަދެއްކެވި ބައެއް މަޖިލިސް މެމްބަރުން ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަކީ "ސީދާ އަޅުގަނޑަށް" އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
އެ މެމްބަރުން ވިދާޅުވީ ނައިބު ރައީސް އަހުމަދު އަދީބަށް "މިވަގުތާ ހަމައަށް" އިތުބާރު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. ރައީސް އެހެން ވިދާޅުވެފައި ވަނީ ލޯންޗުކޮޅުގެ ހާދިސާ ނައިބު ރައީސާ ގުޅުވައިގެން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.
"ނައިބު ރައީސް އަދީބަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައި،"މުލިއާގޭ ބައްދަލުވުމުގައި ބައިވެރިވި މެމްބަރެއް
ލޯންޗުކޮޅުގެ ތަހުގީގު ކުރިއަށް ދަނީ ވަރަށް ހުޅުވާލެވިގެން ކަމަށާއި އެ ތަހުގީގުގައި މަޖިލިސް މެމްބަރަކާ ސުވާލު ކުރަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށްވެ އެވެ.
ލޯންޗޮކޮޅުގައި އެއްޗެއް ގޮވާލުމުގެ "ރޭވުމަކީ" އާދައިގެ ބަޔަކު ކުރި ކަމެއް ނޫން ކަމަށާއި އެއީ އެކަން ރަނގަޅަށް ދަންނަ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވި ކަމަށް "ސަން"އާ ވާހަކަ ދެއްކި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
އެ މެމްބަރުން ވިދާޅުވީ ލޯންޗުކޮޅުގެ ތަހުގީގަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ސާމްޕަލްތަކާމެދު ފުލުހުން ސުވާލު އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ ސާމްޕަލްތައް ނަގާފައި ވަނީ ސިފައިން ކަމަށް ވާތީ އެވެ.
އޮކްޓޯބަރ 12، 2015: ޕީޕީއެމް އެމްޑީއޭ ޕީޖީ ގުރޫޕާއި ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕާ ރައީސް ޔާމީން ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމަށް މެމްބަރުން މުލީއާގެ އަށް ވަދެ ވަޑައިގަންނަވަނީ -- ސަން ފޮޓޯ/ އަލީ ނަސީރު
ހައްޖުގެ އަޅުކަމަށްފަހު، ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ އެ ބައްދަލުވުމުގައި ތަފްސީލުކޮށް ކިޔައިދެއްވި ކަމަށާއި އެ ހާދިސާގެ ތަހުގީގު ކުރިއަށް ދާ ގޮތް ވެސް މަޖިލިސް މެމްބަރުންގެ އަރިހުގައި ރައީސް ވިދާޅުވި ކަމަށް "ސަން"އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.
ރައީސާއެކު ބޭއްވި ބައްދަލުވުމަށްފަހު މުލިއާގެއިން ނުކުމެވަޑައިގެން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވީ ލޯންޗުކޮޅުގެ ހާދިސާ "އެއް ބަޔަކު އަނެއް ބަޔެއްގެ" ބޮލުގައި ނޭޅުވުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.
އެ ބައްދަލުވުމަށްފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ޕާޓީ އޮތީ ސަރުކާރާއި ރައްޔިތުންނާ އެކުގައި ކަމަށެވެ.