ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން އިސްލާމިކް މިނިސްޓުރީގެ ދަށަށް ރާއްޖޭގެ ހުރިހާ މިސްކިތްތައް ގެންދިއުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި މިއަދު އެދިވަޑައިގެންފި އެވެ.

މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފިނޭންސް މިނިސްޓުރީއާ މަޝްވަރާކުރުމަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތްތައް އިސްލާމިކު މިނިސްޓުރީގެ ދަށަށް ބަދަލުކުރާނެ ކަމަށެވެ.

"ހަގީގަތުގައި ގާނޫނު އައުމާއެކު [ދީނީ އެއްބައިވަންތަކަމުގެ ގާނޫނު] އަދި އަޅުގަނޑު މިނިސްޓުރީއާ ހަވާލުވި ފަހުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ވަނީ މިސްކިތްތައް އިސްލާމިކު މިނިސްޓުރީގެ ދަށަށް ބަދަލުކުރުން. އަދި އޭރު ސިވިލް ސާވިސާއި އެލްޖީއޭއާ އަޅުގަނޑުމެން ބައްދަލުކުރިން. އެ ބައްދަލުވުންތައް ދިޔައީ ވެސް ވަރަށް ޕޮޒިޓިވުކޮށް. ނަމަވެސް ކުރިން ވެސް ފާހަގަކުރި ފަދައިން ދަތިތަކެއް ހުރުމުން އެކަން މިހާތަނަށް ހައްލު ނުވެގެން މިއުޅެނީ،" މިނިސްޓަރު ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑަށް ދަތިވީ މުސާރައިގެ ކަންތައްތައް ކަމަށެވެ.

ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ވިދާޅުވީ ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް ބަދަލު އައިސްފައިވީ ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެނެވިފައި ނުވަނީ "ޕުރެކްޓިކަލް" ކަމެއްގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުން ކޮންމެ ކަމެއް ވެސް ބަދަލު ގެނެވިދާނެ ކަމަށެވެ. ނަމަވެސް ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް ބަދަލު ގެނެސްފައިވާއިރު އެކަމަށް ބަލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމަކީ ޒަމާނުއްސުރެއް ރަށު އޮފީސްތަކުން ބަލަމުން އައިސްފައިވާ ތަންތަން. ނަމަވެސް ޒިންމާދާރު މުއައްސަސާއެއް ހުރޭ އެތަންތަން ހިނގަނީ ކިހިނެއްތޯ ބަލަން. ލާމަރުކަޒީ ގާނޫނުން ކައުންސިލިތަކާ މިސްކިތްތައް ބެލެހެއްޓުން ހަވާލުކޮށްފައިވީ ނަމަވެސް އިސްލާމިކު މިނިސްޓުރީއޭ އިނގޭތޯ އަދިވެސް ރެގިއުލޭޓަރީ ބޮޑީއަކީ،" ޝުކުރީ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓުރީގެ އިސް ބޭފުޅުން ހާޒިރުކުރެއްވިނަމަ މިސްކިތްތައް އިސްލާމިކު މިނިސްޓުރީގެ ދަށަށް ބަދަލުކުރުމުގެ މައްސަލައަށް ހައްލެއް ލިބުނީސް ކަމަށް އިސްލާމިކު މިނިސްޓުރީގެ ބޭފުޅުންނާއި އެލްޖީއޭގެ ބޭފުޅުން މިއަދުގެ ކޮމެޓީގައި ވިދާޅުވި އެވެ.

ކޮމެޓީގެ މުގައްރިރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެކަމަކީ ވަކި މުއްދަތުގެ ތެރޭގައި ގާނޫނުން ކުރުން ލާޒިމު ކޮށްފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއް މަސް ދުވަހަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މާދިގު މުއްދަތެއް. ފިނޭންސް ތެރެއިން ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ދެވިދާނެ. އެހެންވީމަ ފިނޭންސްގެ ތެރެއިން މައްސަލައެއް ދިމައެއް ނުވާނެ. އެގެރެންޓީ ދެވިދާނެ،" ރިޔާޒު ވިދާޅުވި އެވެ.