ވެލިދޫ ދާއިރާގެ އަލީ މުހައްމަދު (އަލިބެ)ގެ ރިޔާސަތުގެ ދަށުން ޖަލްސާ ކުރިއަށް ގެންދިއުމަށް ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ހުރަސް އެޅުއްވުމުން ދެ ޕާޓީގެ މެންބަރުންގެ މެދުގައި ކޯޅުން ބޮޑުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި އެވެ.

އަލިބެގެ ރިޔާސަތުގައި ޖަލްސާ ކުރިއަށް ގެންދިޔަ ނުދިނުމަށް އަލީ ވަހީދު ހުރަސް އެޅުއްވީ، ހޯމް މިނިސްޓަރު ހަސަން އަފީފަށް ރުހުން އޮތްތޯ ބެލުމުގެ ވޯޓު ނަގަން އޮތް ޖަލްސާގައި އަލިބެ ބައިވެރިވެފައިނުވާތީ ކަމަށް ވިދާޅުވެ އެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ އެދިވަޑައިގަތުމުގެމަތިން، އަލިގެ ޖަލްސާގެ ރިޔާސަތަށް ވަޑައިގެންނެވުމުން، ނިޒާމީ މައްސަލަ ނަންގަވައި، އަލީ ވަހީދު ވިދާޅުވީ، ރިޔާސަތު ބެލެހެއްޓުމަށް ޓަކައި، މަޖިލީހުގެ ރައީސާއި ނާއިބު ރައީސަށް އިތުރު އެލަވަންސް ހަމަޖައްސައިފައިވާ އިރު، އެބޭފުޅުން ބަލިވެނެތް ހާލެއްގައި ޖަލްސާގެ ރިޔާސަތު އެހެން ބޭފުޅަކާ ހަވާލު ކުރެއްވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އަނެއްކާ އެ މެންބަރަކީ އެންމެ ފަހުން ބޭއްވި ހަސަން އަފީފަށް ރުހުން ދިނުމުގެ ވޯޓުގައި ފެންނަން އިން މެންބަރެއްނޫން. އެހެންވީމާ ރިޔާސަތުން ދުރަށްވަޑައިގަތުމަށް ގޮވާލަން. ގަބޫލެއް ނުކުރަން މިގޮތަށް ރިޔާސަތު ބަދަލު ކުރެވޭނެ ކަމަކަށް. އަދި ރައްޔިތުންނަށް މުހިއްމު ކަންކަމުގައި ވޯޓުލައްވަން ވަޑައިނުގަންނަވާ ބޭފުޅުން ތިޔަ ގޮނޑިއަށް ކުފޫހަމައެއްނުވޭ. ވެލިދޫ ދާއިރާގެ ގޮނޑިއަށް ވަޑައިގެން ރައްޔިތުންނަށް ޓަކައި ވޯޓުދެއްވުން މާ ރަނގަޅުވާނެ އަޅުގަނޑު މަނިކުފާނުގެ ރިޔާސަތެއް ގަބޫލެއްނުކުރަން. ވެލިދޫ ދާއިރާގެ ގޮނޑިއަށް ވަޑައިގެން ހަސަން އަފީފަށް ވޯޓު ނުދިން ސަބަބުން ވިދާޅުވާށޭ،" އަލީ ވަހީދު އަލީ މުހައްމަދާ ދިމާލަށް ވިދާޅުވި އެވެ.

އަލީ ވަހީދުގެ އިތުރުން ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒާއި ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވެސް އަލީ މުހައްމަދުގެ ރިޔާސަތާ ހިތްހަމަޖެހިވަޑައިނުގެން ނިޒާމީ މައްސަލަ ނެންގެވި އެވެ. މުހައްމަދު މުޖުތާޒު ވިދާޅުވީ، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމަށާއި އެކަން ގެންދަންވަން ޖެހޭނީ ތަރުތީބުން ކަމަށެވެ.

"އެކަން ގެންދަން ޖެހޭނީ ތަރުތީބުން. އަނެއްކާ ތިޔަ މެންބަރު ވަނީ ވަރަށް ބޮޑު ގޯހެއް ވެސް ހައްދަވައިފައި،" ހަސަން އަފީފަށް ރުހުން ދިނުމުގެ މައްސަލަ އޮތް ދުވަހު ޖަލްސާ އަށް އަލީ މުހައްމަދު ވަޑައިނުގެންނެވި މައްސަލައަށް އިޝާރާތް ކުރައްވައި މުޖުތާޒު ވިދާޅުވި އެވެ.

މައްސަލަ އިތުރަށް ގޯސްވީ، އަލިބެގެ ރިޔާސަތުގެ ދަށުން ޖަލްސާ ކުރިއަށް ނުގެންދެވިގެން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އަލުން ރިޔާސަތަށް ވަޑައިގެންނެވުމަށް ފަހު އަލީ ވަހީދާ ދޭތެރޭ ފިޔަވަޅު ނޭޅުއްވުމުންނެވެ.
ޝާހިދު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގައި ގާނޫނު އަސާސީގައި ތަންދީފައިވާ ގޮތުގެ މަތިން މަޖިލީހުން ވަނީ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅުއްވައިފަ ކަމަށެވެ. މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަވަނީ އެގޮތުގެމަތިން ކަމަށާއި، މަޖިލީހުގެ މަސައްކަތަށް ހުރަސް ނާޅުއްވައި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ފަދައިން ހުރިހާ މެންބަރުން ކަންތައް ކުރެއްވުމަށް ޝާހިދު އެދިވަޑައިގެންނެވި އެވެ. އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވީ އެހާހިސާބުންނެވެ.

އެގޮތުން ކެނދިކުޅުދޫ ދާއިރާގެ އަހްމަދު އީސަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ވަކި މެންބަރަކު ބުނާ ގޮތަށް ކުރިއަށް ގެންދަން ޖެހޭ މަޖިލީހެއް ކަމަށް ގަވާއިދުގައި ބުނެފައި ނޯންނާނެ ކަމަށެވެ. މަޖިލީހުގެ ރިޔާސަތަށް ވަކި ބަޔަކު ގެނައުމުގެ އިހްތިޔާރު މަޖިލީހުގެ ރައީސަށް ލިބިދޭ ކަމަށާއި، ރިޔާސަތަށް ގެންނަ ބޭފުޅަކަށް މެންބަރުން ކިޔަމަންވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވީ، ގަވާއިދާ އެއްގޮތަށް ޖަލްސާ ކުރިއަށް ދަނިކޮށް، ޑީއާރުޕީގެ އެންމެ މެންބަރަކު އުނދަގޫ ކުރައްވައިގެން ގަދަބާރުން ޖަލްސާގެ ރިޔާސަތު ބަދަލު ކުރެއްވުމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ޝާހިދުގެ ރިޔާސަތު ގަބޫލު ނުކުރާނެ ކަމަށެވެ.

"އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މި މިނިންމެވީ މަނިކުފާނު އިންނަވައިގެން މަޖިލިސް ކުރިއަށް ނުގެންދިއުމަށް. އެއީ ޑީއާރުޕީން ލާފައި އިން މީހަކަށް ވާތީ. އަޅުގަނޑު ބޭނުން ވަނީ އަލިބެ (އަލީ މުހައްމަދު) އިންދެގެން ކުރިއަށް ދާން" އަލްހާން ތަކުރާރުކޮށް ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ވިދާޅުވީ އަލީ ވަހީދު ޖަލްސާ އަށް ހުރަސްއެޅި މައްސަލައިގައި ފިޔަވަޅު ނޭޅުއްވުމަކީ މަޖިލީހުގެ ރައީސް ވަރަށް ގޯސްކޮށްކުރެއްވި ކަމެއް ކަމަށެވެ. އަދި އަލީ ވަހީދު ކުރެއްވި ކަމަކީ، ރަނގަޅު ކަމެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ އަލީ ވަހީދާ މެދު ފިޔަވަޅުއަލައިދިނުމަށް އޭނާ ގޮވައިލެއްވި އެވެ.

އެ މައްސަލައިގައި ނިޒާމީ މައްސަލަ އިތުރުވެ އަލްހާން އޭނާގެ ގޮނޑި ދޫކުރައްވައި ރިޔާސަތާ ދިމާއަށް ވަޑައިގެން ހަޅޭއްލަވަން ފެއްޓެވުމުން ތަކުރާރުކޮށް އިންޒާރު ދެއްވުމަށް ފަހު، އަލްހާންގެ ނަން އިއްވެވުމަށް ފަހު، ޝާހިދު ޖަލްސާ ނިންމަވާލެއްވީ އަލްހާން ޖަލްސާ އިން ނުނިކުންނެވުމުންނާއި މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، 2:00ގަ އެވެ.

ވޯޓަށް އެހުމުގެ ވަގުތުގައި މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވީ، ދަރިވަރުންގެ ލޯނުގެ ބިލަށެވެ. ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެން އެބިލު އަލުން އިސްލާހް ކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވައިފަ އެވެ.