12 Oct 2015, 15:47
ސަރުކާރުގެ ހަރަދު ކުޑަކުރުމަށްޓަކައި އިތުރުގަޑީގައި މަސައްކަތް ނުކުރާގޮތަށް އަވަހަށް އޮފީސްތައް ބަންދު ކުރުމަށް އަންގައިފި އެވެ.
ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަރުމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ސަރުކާރު އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މަސައްކަތްތައް ރާވައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ އޮފީސްތައްފިޔަވައި ސަރުކާރުގެ އޮފީސްތައް ލަސްވެގެން 2:30 އަށް ބަންދުކުރަން އަންގާ ކަމަށެވެ.
ކޮންމެހެން މަސައްކަތް ކުރަންޖެހިގެން ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުވުމަށާއި އެގޮތަށް މަސައްކަތް ކުރާއިރުވެސް އަސާސީ މުސާރައިން ފަސް ޕަސެންޓް އަށްވުރެ އިތުރުނުވާނެގޮތަށް ރާވައިގެން މަސައްކަތް ކުރުމަށް ވަނީ އަންގާފައެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ އޮފީސްތަކުގައި ހަމައެކަނި އެއޮފީހެއްގެ މުވައްޒަފުން ބައިވެރިވާގޮތަށް ބާއްވާ ބައްދަލުވުންތަކަށް ކޮފީއާއި ކެއުމާއި ސައި ހަމަޖެއްސުން ހުއްޓާލަންވެސް ސާކިއުލާގައި ވެއެވެ.
ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެންހުރިހާ ކެޕިޓަލް ހަރަދެއްކުރުން ހުއްޓާލުމަށްވެސް ސާކިއުލާއިން ވަނީ އަންގާފައެވެ.