ދައުލަތުގެ ދަރަނި ކުޑަކުރުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ ނުކުރުމަށް ފިނޭންސް މިނިސްޓުރީން ދައުލަތުގެ މުއައްސަސާތަކަށް އަންގައިފި އެވެ.

ފިނޭންސު މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވައި އިއްޔެ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މުހިއްމު މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި ބަޖެޓު ޑެފިސިޓު ކުޑަކުރުމަށް ޓަކައި ދައުލަތުގެ މުއައްސަސާތަކުން ހަރަދު ކުޑަކުރުމަށް އެދޭ ކަމަށެވެ.

ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އިތުރަށް އެއްވެސް މަގާމެއް އުފައްދައިގެން ނުވާނެ ކަމަށާއި މިހާރު ހުސްކޮށް ހުރި މަގާމުތަކާއި މިއަދުގެ ފަހުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދުމުގެ ކުރިން އެ އިދާރާއެއްގެ ހިންގުމާ ހަވާލުވެ ހުރި އެންމެ އިސްވެރިޔާގެ ހުއްދައާ އެކު ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅަންވާނެ ކަމަށެވެ.

ސާކިއުލާގައި ބުނެފައި ވަނީ ނޭޝަނަލް ޕޭ ރިވިއު ބޯޑުން ދިރާސާ ކުރުމަށް ފަހު ފިނޭންސުގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑުތަކަށް ވެސް އެއްބެސް ބަދަލެއް ނުގެނައުމަށް އެދޭ ކަމަށެވެ. އަދި ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް މިހާރު ދޭން ފަށާފައި ނުވާ އެލަވަންސުތަކާއި ބަޖެޓުގައި ހިމެނިފައި ނުވާ އެއްވެސް އެލަވަންސެއް މި އަހަރުގެ ތެރޭގައި ދެން އިތުރަށް ނުދިނުމަށް ވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

"ދައުލަތުގެ ބަޖެޓުން ހުރިހާ ހަރަދެއް ކުރަން ޖެހޭ ދަތުރުތަކުގެ ތެރެއިން ރާއްޖެ އިން ބޭރަށް ކޮންމެހެން ދަތުރެއް ނޫނީ ނުކުރުން. އެފަދަ ދަތުރުތައް ކުރުމަށް ކަނޑައެޅުމުގެ ކުރިން މިހާރެކޭ ވެސް އެއްގޮތަށް މި މިނިސްޓްރީ އަށް ހުށަހަޅައިގެން އެ ދަތުރުތައް ކުރުމުގެ ހުއްދަ ހޯދުން. މިގޮތަށް ކުރާ ދަތުރުތަކުގައި ވީހާވެސް ހަރަދު ކުޑަގޮތަކަށް ދަތުރުތައް ހަމަޖެއްސުން،" ސާކިއުލާގައި ބުނެފައިވެ އެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވަޒީރުންނާއި އެފެންވަރުގެ ބޭފުޅުންނާއި ވަޒީރުންނަށް ވުރެއް މަތީ ފެންވަރުގެ ބޭފުޅުން ފިޔަވާ އެހެން ހުރިހާ މުވައްޒަފުން އެކޮނޮމީ ކުލާހުގައި ދަތުރުކުރެއްވުމަށް ވެސް ފިނޭންސުން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވެ އެވެ. އަދި ވަޒީރުންނާއި އެ ފެންވަރުގެ ބޭފުޅުންނާއި ވަޒީރުންނަށް ވުރެ މަތީ ފެންވަރު ބޭފުޅުން ފިޔަވައި އެހެން މުވައްޒަފުން ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަން ޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމަށް ވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކުން ޓެންޑާކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މިއަދާ ހަމައަށް ކޮންޓުރެކްޓުގައި ސޮއި ނުކުރެވިހުރި މަޝްރޫއުތައް މިއަހަރު ކުރިއަށް ނުގެންދިއުމަށެވެ.

މީގެ ކުރީގައި ވެސް އަހަރުގެ ފަހުކޮޅު ފިނޭންސުން ދައުލަތުގެ މުއައްސަސާތަކަށް މިގޮތަށް ވަނީ އަންގާފަ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް ދައުލަތުގެ ދަރަނި ކުޑަކުރުމަށް ޓަކައި ކުރަންނު ޖެހޭ ހަރަދުތައް ނުކުރުމަށް ފިނޭންސުން ވަނީ ދައުލަތުގެ މުއައްސަސާތަކަށް އަންގައިފަ އެވެ.